ރަންވީރަށް ވެސް ދާދާސާހެބް ޕާލްކޭ އެކްސެލެން އެވޯޑް ދޭން ނިންމައިފި
ރަންވީރަށް ވެސް ދާދާސާހެބް ޕާލްކޭ އެކްސެލެން އެވޯޑް ދޭން ނިންމައިފި

މި އަހަރު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ފިލްމް "ޕަދްމާވަތު" ގައި ރަންވީރް ސިންގް ކުޅުނު ނެގެޓިވް ކެރެޓާއަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ރޯލެކެވެ. ކްރިޓިކުންގެ ތައުރީފު ވެސް އޮހުނެވެ.

އަލާއުއްދީން ހިލްޖީ ކިޔާ އަނިޔާވެރި ރަސްކަލެއްގެ ރޯލް "ޕަދްމާވަތު" ގައި ކުޅެގެން ރަންވީރް ވަނީ، އެ ފިލްމްގައި ޝާހިދު ކަޕޫރް ކުޅުނު ރަތަން ސިންގްގެ ކެރެކްޓާ އަށް ވެސް ހިޔަނި އަޅައިފަ އެވެ. މީގެ ނަތީޖާ އަކީ މުނިފޫހި ފިލުވުމުގެ ދާއިރާ އިން އިންޑިއާގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ވެސް ރަންވީރަށް ދޭން ނިންމުމެވެ.

މި މަހުގެ 29 ގައި ބާއްވާ ދާދާސާހެބް ޕާލްކޭ އެކްސެލެންސް އެވޯޑްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ރަންވީރަށް ދޭން ނިންމައި، އެކަން މިހާރު ވަނީ އޭނާ އަށް އަންގައިފަ އެވެ.

މިކަމާ އުފަލުން ހުރި 32 އަހަރުގެ އެކްޓަރު ބުނީ "ޕަދްމާވަތު" އަށް ކުރި މަސައްކަތު އަގު މިހާރު ލިބިއްޖެ ގަބޫލު ކުރާ ކަމަށެވެ.

"މި ފިލްމަށް ގާތްގަނޑަކަށް ދޮޅު އަހަރު ދުވަސް އަހަރެން ހުސްކުރިން. ވަރަށް ބުރަކޮށް، މަސައްކަތް ކުރަން ޖެހުނު ފިލްމެއް ޕަދްމާވަތުއަކީ. ހާއްސަކޮށް ފިލްމްގައި ނެގަޓިވް ރޯލެއް އަދާ ކުރަން ޖެހުމަކީ ވެސް އަހަންނަށް ނިންމަން ވެސް ފަސޭހަވި ކަމެއް ނޫން،" ބަންސާލީގެ ރާމް-ލީލާ އާއި ބަޖިރާއޯ މަސްތާނީ ވެސް ކުޅުނު ރަންވީރް ބުންޏެވެ.

އޭނާ ބުނީ އާންމުކޮށް ފިލްމްތަކުގައި ލީޑް ރޯލް ކުޅޭ އެކްޓަރަކަށް، ނުބައިބައި ރޯލެއް ކުޅުމަކީ އެއްވެސް އެކްޓަރަކަށް ފަސޭހަ ވާނެ ކަމެއް ނޫން ކަމަށެވެ.

"އެކަމަކު އަހަރެން އެ ރިސްކް ނެގީ ސަންޖޭ ސާ އަށް ވެސް ވަރަށް ބޮޑަށް އިތުބާރުކޮށްފައި. ފިލްމްގައި އަހަރެން ކުޅުނު ރޯލް ބެލުންތެރިން ބަލައިގަތްލެއް ބޮޑުކަމުން އުފަލުން ގޮސް ފެންކަޅިވި،" ރަންވީރު ބުންޏެވެ. "އެ މަސައްކަތަށް ދާދާސާހެބް އެވޯޑް ލިބުމަކީ އަހަންނަަށް ލިބޭނެ އެންމެ ބޮޑު ޝަރަފު. ވަރަށް އުފަލުން މިހިރީ."

ރަންވީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި އަހަރުގެ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީގެ "ސިމްބާ" އިންނެވެ. މިއީ އޭނާ ފުލުހެއްގެ ރޯލް ކުޅޭ މަސާލާ ފިލްމެކެވެ.