10 އެޕްރީލް 2018 - 15:31

ރާއްޖޭގެ އާސާރީ ތަންތަނާ ބެހޭ ސާވޭއެއް ހަދަން އެޑިއުކޭޝަން މިނިސްޓްރީ އާއި އިނގިރޭސި ވިލާތުގެ ދަ އޮކްސްފޯޑް ސެންޓާ ފޯ އިސްލާމިކް ސްޓަޑީޒާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި އޮކްސްފޯޑުގެ ސެންޓާ ފޯ އިސްލާމިކް ސްޓަޑީޒްގެ ފަރާތުން އެ މަސައްކަތާ ހަވާލުވެހުންނެވި ޑރ. މައިކަލް ފީނޭ އެވެ.

މި ސާވޭގައި، އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ގެއްލުން ލިބިދާނެ ކަމަށް ބެލެވޭ ތަރިކަތަކާ ގުޅޭ މައުލޫމާތު ތަރުތީބުކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ރައްކާ ކުރާނެ އެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި މަހާނަ ގާތަކާއި ހަތްތެލިތައް ފަދަ ތަންތަން ފޮޓޯ ނެގުމާއި ތްރީޑީ ޓެރިސްޓެރިއަލް ސްކޭން ކުރުން ވެސް ހިމެނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ދިވެހިންނަކީ ދިގު ތާރީޚަކާއި ކުރިއަރާފައިވާ ހަޟާރަތެއް އޮތް ބައެއް ކަމަށެވެ. އެހެންވެ އާސާރީ ތަންތަން ރަނގަޅަށް ހޯދައި ބެލިއްޖެ ނަމަ ރާއްޖެއާ ބެހޭގޮތުން ދުނިޔޭގެ ތާރީޚުގެ މުޅިން އާ ސޮފްހާ އެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އާސާރީ ތަންތަން ލިބެން ހުރި މައުލޫމާތުތަކަކީ އަގުކުރެވޭނެ ކަމެއް ނޫން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ދެ އަހަރު ދުވަހަށް ކުރިއަށް ގެންދާ ސާވޭން ލިބޭ މައުލޫމާތުތަކުން، ރާއްޖޭގެ އާސާރީ ތަންތަނާ ބެހޭ ދަފުތަރެއް ވެސް އެކުލަވައިލާނެ އެވެ. މިނިސްޓަރު ވިދާޅުވީ އޭގެ ބޭނުމަކީ ރާއްޖެ އިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަންތަން ފެންނާނެ ގޮތް ހެދުމެވެ.
"ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަށް ކުރާ އެންމެ ބޮޑު އަދި އެންމެ މުހިއްމު މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އާސާރީ ތަންތަނާއި ތަކެއްޗާ ކަންކަމާ މެދު ހޭލުންތެރިިކަން އުފެއްދުމާއެކު، މި ދާއިރާ އިން މީހުން ތަމްރީން ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މައިކަލް ވިދާޅުވީ ސާވޭގެ މަސައްކަތުގައި ހަ އަތޮޅަކަށް ދަތުރުކޮށް، ގަބުރުސްތާން ފަދަ ތަންތަން ބަލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އާސާރީ ތަންތަނާ ބެހޭ ދަފުތަރު ހަދާނީ ދުނިޔޭގެ ހުރިހާ އެންމެންނަށް ވެސް ފަސޭހައިން ލިބޭނެ ގޮތަށް ކަމަށެވެ. މައުލޫމާތުން މުއްސަނދިވާނެ ދަފުތަރެއްގެ އިތުރުން އިލްމީ ބޭނުންތަކަށް ވެސް އެ ކަމުގެ ފައިދާ ކުރާނެ ކަން މައިކަލް ފާހަގަކުރެއްވި އެވެ.