21 ޖުލައި 2016 - 05:45

އާލިއާ ބަޓް އާއި ޝާހްރުކް ޚާން އެކުގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ޑިއާ ޒިންދަގީ"ގެ ފުރަތަމަ އިޝްތިހާރު މި ދެ ތަރިން ވަނީ އާދަޔާޚިލާފު މޮޅު ގޮތަކަށް ދައްކާލައިފި އެވެ.
ފިލްމުގެ ފުރަތަމަ ދައްކާލުމުގައި ޝާހްރުކް އާއި އާލިއާ ވަނީ ދިރިއުޅުމުގެ ބައެއް އުނދަގޫ ސުވާލުތަކަށް ވަރަށް ފަސޭހަ ޖަވާބުތަކެއް ހިއްސާކޮށްފަ އެވެ.
ކުރިން ވެސް ބެލެވިފައިވާ ގޮތަށް މި ފިލްމުގައި ޝާހްރުކާއި އާލިއާ ކުޅެނީ ދެ ލޯބިވެރިންގެ ބައެއް ނޫނެވެ. އެހެންކަމަށްވާ ނަމަ ޝާހްރުކް އަކީ ފިލްމުގެ ލީޑް އެކްޓަރުތޯ ނުވަތަ އޭނާ ކުޅެނީ މެހެމާނެއްގެ ބައިތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. އަދި ގޯރީ ޝިންޑޭ ޑައިރެކްޓްކުރާ މި ފިލްމުގެ ނަން އަދި ރަސްމީކޮށް އިއުލާން ނުކުރާތީ މި ފިލްމަށް ހަގީގަތުގައި ވެސް ކިޔަނީ "ޑިއާ ޒިންދަގީ" ތޯ ވެސް ސުވާލު އުފެދެ އެވެ.
އާލިއާ ކޮށްފައިވާ ޓުވީޓަކުން އެއް ސުވާލުގެ ޖަވާބު ހަމަ ގައިމުވެސް ވަނީ ލިބިފަ އެވެ. އެއީ ފިލްމަށް ކިޔަނީ "ޑިއާ ޒިންދަގީ" ކަމެވެ.
"ޑިއާ ޒިންދަގީ. އޯކޭ ނުވުން ވެސް އެއީ އޯކޭ ވުމެއްތަ؟ އާލިއާ"،" އާލިއާ ކޮށްފައިވާ ޓުވީޓެއްގައި ސުވާލުކޮށްފައިވެ އެވެ.
އާލިއާގެ ސުވާލަށް ޝާހްރުކް ޓުވިޓާ މެދުވެރިކޮށް ޖަވާބު ދިނެވެ. އާލިއާ ޕޯސްޓްކޮށްފައި ފޮޓޯ އަނެއްކާ ޕޯސްޓްކޮށް ޝާހްރުކް ލިޔެފައިވެ އެވެ. މިގޮތަށް އާލިއާ އާއި ޝާހްރުކް އެތައް ޓުވީޓެއް ވަނީ ކޮށްފަ އެވެ.
މި ޓުވީޓްތަކުގައި ދައްކާފައިވާ ވާހަކަތަކުން ޝާހްރުކާ ކުރާނެ ވަރަށް ގިނަ ސުވާލުތައް އާލިއާގެ ހުރިކަން ހާމަވެ އެވެ. އަދި އާލިއާގެ ހުރިހާ ސުވާލަކަށް ދޭނެ ޖަވާބު ޝާހްރުކްގެ އަތުގައި ވެސް ހުރިކަން އެނގެ އެވެ.
މި ޓުވީޓްތަކުން ދޭހަވަނީ "ޑިއާ ޒިންދަގީ"ގައި ޝާހްރުކް ކުޅެނީ އާލިއާގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދޭ އޭނާގެ ލައިފް ކޯޗެއްގެ ރޯލުހެންނެވެ.
އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން ގުޅިގެންނެވެ. ރެޑް ޗިލީޒްއިން އިއްޔެ ވަނީ ފިލްމު އިޝްތިހާރު ކުރަން ފަށައި، ފުރަތަމަ ފޮޓޯ ޓުވީޓްކޮށްފަ އެވެ. އެޓުވީޓާއެކު ޕޯސްޓްކޮށްފައިވާ ފޮޓޯގައި އާލިއާ އިންނަނީ ފޯނާ ކުޅޭށެވެ. ފަހަރެއްގައި ލޯބިވެރިޔާގެ މެސެޖު ކިޔަނީ ކަމަށް ވެސް ވެދާނެ އެވެ. ޝާހްރުކް އިންނަނީ އާލިއާ އަށް ބަލަހައްޓައިގެން ފާޑަކަށް ހެވިފަ އެވެ. ޝާހްރުކްގެ އެހެން ފިލްމުތަކާ ޚިލާފަށް ބެލުންތެރިންނަށް މިފަހަރު އާލިއާ އާއި ޝާހްރުކްގެ އާދަޔާޚިލާފު ރޮމޭންސެއް ފެނިގެން ދާނެކަމަށް ބެލެވެ އެވެ.
މިއީ "އިންގްލިޝް ވިންގްލިޝް" އަށްފަހު ގޯރީ ޝިންޑޭ ޑައިރެކްޓްކުރާ ދެ ވަނަ ފިލްމެވެ. ގޯރީ ތަންކޮޅެއް ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމުގައި ފެންނާނީ އާދައިގެ ލޯބީގެ ވާހަކައެއް ނޫނެވެ.
އާލިއާ އާއި ޝާހްރުކްގެ ޖޯޑަކީ އުމުރުގެ ފަރަގު ވަރަށް ބޮޑު ޖޯޑެކެވެ. އާލިއާ އަކީ ޝާހްރުކް އާއެކު ބަތަލާގެ ބައި ކުޅޭ އެންމެ ޅަ ބަތަލާއިންގެ ތެރެއިން އެކަކެވެ.