ޔޫއޭއީގެ ބޯޓަކުން 9.6 މިލިއަން ޑޮލަރު ހިފަހައްޓައިފި
ޔޫއޭއީގެ ބޯޓަކުން 9.6 މިލިއަން ޑޮލަރު ހިފަހައްޓައިފި

މޮގަދިޝޫ (އެޕްރީލް 10) - ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގެ އެއާޕޯޓަކަށް ޖެއްސި ޔޫއޭއީގެ ބޯޓަކުން ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ހިފަހައްޓައިފި އެވެ.

އަބޫ ދާބީން ފުރައިގެން މޮގަދިޝޫ އަށް ޖެއްސި ރޯޔަލް ޖެޓުގެ ބޯޓުގައި 9.6 މިލިއަން ޑޮލަރު ހުރީ މާކް ނުކޮށް ހުރި ތިން ދަބަހުގަ އެވެ. އަބޫ ދާބީގެ ރޯޔަލް ޖެޓް އާއްމުކޮށް ބޭނުން ކުރަނީ ޔޫއޭއީ އާއި ޔޫރަޕާ ދެމެދު ލަގްޒަރީ މާކެޓަށެވެ.

ރޯޔަލް ޖެޓުން ފައިސާ ހިފެހެއްޓި މައްސަލާގައި މޮގަދިޝޫ އެއާޕޯޓުގެ ސްޓާފުންންނާއި ޔޫއޭއީ އެމްބަސީގެ ސްޓާފުންނާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދި، ހައްލެއް ފެނޭތޯ އެތައް އިރަކު ވާހަކަ ދައްކަން ޖެހުނެވެ.

ސޯމާލިއާގެ ދާޚިލީ ވުޒާރާ އިން ބުނެފައި ވަނީ އެ ފައިސާ އައި ތަނަކާއި އެ ފައިސާ ފޮނުވީ ކޮން ބަޔަކަށްތޯ ބަލަން ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދި ގޯނި ގޯނީގައި ސޯމާލިއާ އަށް ފައިސާ އެތެރެ ކުރަން ޖެހުނީ ކީއްވެތޯ ބަލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސޯމާލިއާ އާއި ޔޫއޭއީގެ ގުޅުން މިދިޔަ ޖޫން މަހުން ފެށިގެން ވަނީ ހީނަރުވެފަ އެވެ. ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި އިރު ޔޫއޭއީ އާއި ސައުދީ އަރަބިއާ އިން ވަނީ ސޯމާލިއާ އިން ވެސް ގަތަރާ ގުޅުން ކަނޑާލަން ބާރު އަޅައިފަ އެވެ. ނަމަވެސް ސޯމާލިއާ އިން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.