10 އެޕްރީލް 2018 - 13:50

ސައޮ ޕޯލޯ (އެޕްރީލް 10) - ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ސަޕޯޓަރުން ޖަލު ބޭރުގައި ކޭމްޕްކޮށްފި އެވެ.

ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމުން ލޫލާގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން އޭނާ މިހާރު ހުރީ ދެކުނުގެ ސިޓީއެއް ކަމަށްވާ ކުރިތިބާގެ ޖަލެއްގަ އެވެ. ލޫލާ ޖަލަށް ދާން ޖެހުނީ އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާ ދޫކޮށްލާފައި ބެހެއްޓުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ލޫލާއާ ދެކޮޅަށް ނިންމުމުންނެވެ.

ލޫލާ ވަނީ މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ އަށް ފުލުހުންނާ ހަވާލުވެފަ އެވެ. ލޫލާ ވިދާޅުވެފައި ވަނީ އޭނާ އަކީ ކުށެއް ނެތް މީހެއްކަން ސާބިތު ކުރުމުގެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވި އެވެ.
ޖަލު ބޭރަށް ޖަމާވި ލޫލާގެ ސަޕޯޓަރުން ބުނެފައި ވަނީ އެ މީހުން ގާއިމްކުރި "ފްރީ ލޫލާ" ކޭމްޕް ނިމުމަކަށް ގެންނާނީ ލޫލާ ޖަލުން ނެރުމުން ކަމަށެވެ. ލޫލާ ހުންނެވި ޖަލުގެ ބޭރުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.
ވޯކާސް ޕާޓީން ބުނެފައި ވަނީ ލޫލާ އަކީ ސިޔާސީ ގައިދީއެއް ކަމަށާއި ލޫލާ ޖަލުން ސަލާމަތްކޮށްފައި ނޫނީ ޕާޓީގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށާއި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށެވެ.
ލޫލާ ޖަލަށް ގެންގޮސްފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހު އޮންނަ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާފައި ވަނީ ބްރެޒިލްގައި 2003-2010 އަށް ރައީސްކަން ކުރެއްވި ލޫލާ މި އަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ލޫލާ އަށް އިންތިޚާބުގައި ވާދަކުރެވޭނެކަން ޔަގީން ވާނީ އިސްތިއުނާފް މަރުހަލާ ނިމުމުންނެވެ.