ވިހަ ދިން ރަޝިޔާގެ ކުރީގެ ޖާސޫސްގެ ދަރި ހޮސްޕިޓަލުން ދޫކޮށްލައިފި
ވިހަ ދިން ރަޝިޔާގެ ކުރީގެ ޖާސޫސްގެ ދަރި ހޮސްޕިޓަލުން ދޫކޮށްލައިފި

ލަންޑަން (އެޕްރީލް 10) - އިނގިރޭސި ވިލާތުގެ ސަލިސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގައި ނުރައްކާތެރި ނާވް އެޖެންޓެއްގެ އަސަރު ކުރުމުން ހާލު ދެރަވި ރަޝިޔާގެ ކުރީގެ ޖާސޫސް ސާގީ ސްކްރިޕަލްގެ ދަރިފުޅު ޔޫލިއާ ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފި އެވެ.

އުމުރުން 33 އަހަރުގެ ޔޫލިއާ ސަލިސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އޭނާ ގެންދިޔަ ތަނެއް ނޭނގެ އެވެ. ޔޫލިއާގެ ބައްޕަ 66 އަހަރުގެ ސްކްރިޕަލް އަށް މިހާރު ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ނުރައްކާތެރި ވިހަ މާއްދާއެއް ކަމަށްވާ ނޮވިޗޮކުގެ އަސަރުކޮށް ހޭނެތިގެން ވެއްޓިފައި ވަނިކޮށް ސްކްރިކަލް އާއި ޔޫލިއާ ފެނިފައި ވަނީ މާޗް 4 ވަނަ ދުވަހު ސަލިސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުންނެވެ. އެ މީހުންނަށް ފުރަތަމަ އެޓެންޓްވި ފުލުސް މީހާ އަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ކުރިން ވަނީ ދޫކޮށްލައިފަ އެވެ. ސްކްރިޕަލް އާއި ޔޫލިއާ ދިރިއުޅުނު ގޭގެ ދޮރުގައި ވެސް ވިހައިގެ އަސަރު ހުރި ކަމަށް ފުލުހުން ބުންޏެވެ.

އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ ކުރީގެ ޖާސޫސީ އެޖެންޓަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށެވެ. އެކަމަކު ރަޝިޔާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ސްކްރިޕަލް ވަނީ ރަޝިޔާގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި ހުރެ އިނގިރޭސި ވިލާތަށް އެހީވެ ދީފަ އެވެ.

މި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވެ ރަޝިޔާގެ 23 ޑިޕްލޮމެޓުން އިނގިރޭސި ވިލާތުން ފޮނުވާލުމާ އެކު ރަޝިޔާ އިން ވެސް ވަނީ އިނގިރޭސި ވިލާތުގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.