މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މިއަދު ފަށަނީ
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މިއަދު ފަށަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް މިއަދު ފެށުމަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށް، މައުމޫނާއި ދެ ފަނޑިޔާރުންނަށް ކުރާ ދައުވާތަކުގެ ތެރެއިން މިއަދު ފަށަނީ އަދުލު އިންސާފު ގާއިމް ކުރަން ހުރަސްއެޅި ކަމަށް ބުނެ ކުރާ ދައުވާ އެވެ. އެ ދައުވާ ކުރަނީ އެ ބޭފުޅުން ހެކި ފޮރުވި ކަމަށް ތުހުމަތު ކޮށެވެ.

އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްްސާފައި އޮތީ މިއަދު މެންދުރުފަހު 3:00 ގަ އެވެ.

އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އިތުރު ބައެއް ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން އެކި ދައުވާތައް ކުރެ އެވެ. އެކަމަކު އެ ބޭފުޅުންގެ ޝަރީއަތް އަދިއެއް ނުފަށަ އެވެ.