އަކްޝޭ ކުމާރް ދޫކޮށްލި ފިލްމް "މޮގުލް" އާމިރް ހާނަށް ހުށަހަޅައިފި
އަކްޝޭ ކުމާރް ދޫކޮށްލި ފިލްމް "މޮގުލް" އާމިރް ހާނަށް ހުށަހަޅައިފި

އާމިރް ހާން ދޫކޮށްލި، އެސްޓްރޮނޯޓް ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމު "ސެލިއުޓް" އަށް ޝާހްރުކް ހާން އެއްބަސްވެފައި ވަނިކޮށް، އަކްޝޭ ކުމާރް ދޫކޮށްލި ގުލްޝަން ކުމާރްގެ ބައޮޕިކް "މޮގުލް" އާމިރް ހާނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ އެންމެ ނުފޫޒު ގަދަ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނުނު އަދި ހިންދީ ލަވަތަކަށް ލޯބި ކުރާ މީހުންނަށް 1990 ގެ އަހަރުތަކުގައި އެތަކެއް ހާސް ހިތްގައިމު ލަވަތަކެއް ދޫކޮށްލި ގުލްޝަން ކުމާރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމް އަކްޝޭ ދޫކޮށްލީ މި އަހަރު ރިލީޒް ކުރާނެ ކަމަށް ބުނެ، އެ ފިލްމްގެ ފަސްޓްލުކް ވެސް ދައްކާލައިފައި ވަނިކޮށެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތެއްގައި މަރާލި ގުލްޝަންގެ ދަރިފުޅު ބުޝަން ކުމާރް މިހާރު އިސްކޮށް ހުރެގެން، ހިންގާ ކުންފުނި ޓީ-ސީރީޒުން އުފައްދާ "މޮގުލް" އަކްޝޭ ދޫކޮށްލީ އެ ފިލްމް ޝޫޓްކުރަން ކުރިން ތާވަލު ކުރި ދުވަސްވަރަށް އަކްޝޭ އަށް ވަގުތު ދެވެން ނެތިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެހެންވެ އަކްޝޭގެ ބަދަލުގައި ފިލްމްގެ ޓައިޓްލް ރޯލް ކުޅެން އާމިރަށް ހުށަހެޅި ނަމަވެސް މިކަން ރަސްމީކޮށް ބުޝަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

އެކަމަކު ފިލްމްގެ ސްކްރިޕްޓަށް އާމިރް ހިތްހަމަޖެހޭ ކަހަލަ ބައެއް ބަދަލުތައް ގެންނަން އެއްބަސްވާ ނަމަ، އޭނާ ހުރީ ފިލްމް ކުޅެދޭ ގޮތަށް ކަމަށް ނޫސްތަކުން ބުންޏެވެ. "މޮގުލް" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ އަކްޝޭގެ "ޖޯލީ އެލްއެލްބީ 2" ގެ ޑައިރެކްޓަރު ސުބާޝް ކަޕޫރެވެ.

އަނެއްކޮޅުން "މޮގުލް" ކޯ-ޕްރޮޑިއުސް ކުރަން ވެސް އާމިރް ހުށަހަޅާފައިވާ ކަމަށްވެ އެވެ. އާމިރަކީ އަބަދު ވެސް އޭނާ ކުޅޭ ފިލްމްތައް ވަރަށް ފަރުވާތެރިކަމާ އެކު ހޮވާ އެކްޓަރެކެވެ. ވަކިން ހާއްސަކޮށް، ފިލްމްގެ ސްކްރިޕްޓަކީ އޭނާ އެންމެ ބޮޑަށް ބަލާ ކަންތަކެވެ. އެހެންވެ ބޮލީވުޑްގައި އާމިރް، 52، ސިފަ ކުރަނީ "މިސްޓަ ޕާފެކްޝަނިސްޓް" ގެ ގޮތުގަ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ސީކްރެޓް ސްޕަސްޓާ" އަށް ފަހު، އާމިރް މިހާރު މަސައްކަތް ކުރަމުން އަންނަނީ "ތަގްސް އޮފް ހިންދުސްތާން" ގަ އެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 7 ގަ އެވެ.