ސީ ހައުސްގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކޮށް، ނޯޓިސް ދީފި
ސީ ހައުސްގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކޮށް، ނޯޓިސް ދީފި

މާލޭގައި ހުންނަ ސީ ހައުސް ކެފޭގައި ދުންފަތުގެ އިސްތިއުމާލްކުރުން މަނާކޮށް، އެކަން ތަންފީޒު ކުރަން މުއްދަތެއް ދީފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ފުރަތަމަ ބުރީގައި ހިންގާ ސީ ހައުސްގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތް ހެދީ، އެ އިމާރާތުގައި ސަރުކާރުގެ ދެ ކުންފުންޏެެއްގެ އޮފީހެއް ހިންގާތީ ކަމަށެވެ.

ހަސަން ވިދާޅުވި ގޮތުގައި އެޗްޕީއޭގެ އެ ނިންމުމަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ނިންމި ނިންމުމެކެވެ. ކުރިން ނަމަ، ސީ ހައުސްގައި އޮފީސް އިމާރާތެއް ނުހުންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު އޭނާ އެހެން ވިދާޅުވި ނަމަވެސް، ސީ ހައުސް އަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދިން އިރު ވެސް އެ އިމާރާތުގައި އެމްޓީސީސީގެ ޓްރާންސްޕޯޓް ސެކްޝަންގެ ބޮޑު އޮފީހެއް ދިޔައީ ހިންގަމުންނެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވައިދުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ތަންތަނުގެ ގޮތުގައި ސަރުކާރުގެ އެންމެހާ އިދާރާތަކެއް ހިންގާ އިމާރާތްތައް ހިމެނެ އެވެ.

އޭގެތެރޭގައި ސަރުކާރުގެ އޮފީސްތަކާއި މުސްތަގިއްލު މުއައްސަސާތައް ހިންގާ އިމާރާތްތަކާއި ސަރުކާރުގެ ހިއްސާވާ ވިޔަފާރި ކުންފުނިތައް ހިންގާ އިމާރާތްތައް ހިމެނެ އެވެ.

ހަސަން ވިދާޅުވީ ސީ ހައުސް ހިންގަމުން އަންނަ އިމާރާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮފީހަކާއި އެމްޓީސީސީގެ ޓްރާންސްޕޯޓު ބައިގެ އޮފީހެއް މިހާރު ހިންގަމުން އަންނަ ކަމަށެވެ. އެހެންވެ، އެ އިމާރާތުގެ އެއްވެސް ތަނަކު ދުންފަތުގެ އިސްތިއުމާލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ކަން ކުރައްވައި ހަސަން މީގެ ކުރިން ވިދާޅުވި ގޮތުގައި ދައުލަތުގެ އިދާރާތަކުން އެކި ކަންކަމަށް ތަންތަން ދޫކުރާއިރު ދުންފަތުގެ ގާނޫނާ ހިލާފަށް އަމަލު ކުރާކަން ފާހަގަކުރެވެ އެވެ. އެހެންކަމުން އެގޮތަށް އަމަލު ނުކުރަން އެޗްޕީއޭ އިން އެދެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލްކުރެވޭނީ ސަރުކާރުން ދޭ ހުއްދައެއްގެ ދަށުން އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް ހާއްސަކުރަން ޖެހޭ ވަކި ބައެއްގަ އެވެ.