10 އެޕްރީލް 2018 - 08:26

ހިމާޔަތްކޮށްފައިވާ ފުއްލާތަކެއް މެރި ކަމަށް އެކްޓަރު ސަލްމާން ހާންގެ މައްޗަށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް އައުމުން އެކަމުގައި އޭނާއާ އެއްކޮޅަށް ތިބި އެންމެންނަށް ޝުކުރު އަދާކޮށްފި އެވެ.
ސަލްމާން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ފަހު، ޖޯދްޕޫރް ސެންޓްރަލް ޖަލަށްލީ، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. އަދި ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރީ ހޮނިހިރު ދުވަހު އެވެ.
މުމްބާއީ އަށް ދެވުމާ އެކު ސަލްމާން ވަނީ އާންމުކޮށް އޭނާގެ ފޭނުންނާ ސަލާންކުރަން ގެލެކްސީ އެޕާޓްމަންޓްގެ ބެލްކަންޏަަށް ނުކުންނަ ގޮތަށް، ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅު އެނާގެ އެތައް ހާސް ފޭނުންގެ ކުރިމައްޗަށް ނިކުމެފަ އެވެ.
އޭގެ ފަހުން ހޯމަ ދުވަހު، 52 އަހަރުގެ އެކްޓަރު ކުރި ޓްވީޓެއްގައި ވަނީ އޭނާ އަށް ކުރިމަތިވި އުނދަގޫ ދަނޑިވަޅުގައި ހިތްވަރު ދޭން ފަހަތުގައި ސާބިތުވެ ތިބި، ލޯބިވާ ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.
ސަލްމާނަށް ޖަލު ހުކުމް އިއްވީ އަންނަ ޖޫން 15 ގައި ރިލީޒް ކުރާ ފިލްމް "ރޭސް 3" ގެ ޝޫޓިންގެ ބައެއް އަބޫދާބީގައި ނިންމާލައި، އިންޑިއާ އަށް ދިޔަ މަގުމަތީގައި ރާއްޖޭގައި ވެސް ކުރު ޗުއްޓީއެއް މިދިޔަ ހަފުތާގެ ކުރީކޮޅު ހޭދަކޮށްފައި އިންޑިއާ އަށް ދިޔަ ތަނާ އެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ރޭސް 3" ގެ ނުނިމި ހުރި މަސައްކަތް މި މަހުގެ ތެރޭގައި އެއްކޮށް ނިންމައިލާނެ އެވެ. އަދި މި ހަފުތާގެ ތެރޭގައި އެ މަސައްކަތަށް ސަލްމާން ނުކުންނާނެ އެވެ.
"ރޭސް 3" ނިންމައިލުމަށް ފަހު، ކުރިން އޮތީ މި މަހުގެ ތެރޭގައި އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ "ބާރަތު" ގެ މަސައްކަތް ވެސް ސަލްމާން ފަށާ ގޮތަށެވެ. އެ ފިލްމްގެ ވަރަށް ބޮޑު ބައި ލަންޑަންގައި ވެސް ނަގަން ޖެހެ އެވެ.
އެކަމަކު "ބާރަތު" ގެ މަސައްކަތް މި މަހު ފަށާނެތޯ އަދި ޔަގީނެއް ނުވެ އެވެ.