ކުޅުން ހުއްޓާނުލާނަން: ޑެމްބާ ބާ
ކުޅުން ހުއްޓާނުލާނަން: ޑެމްބާ ބާ

ޝަންހާއީ، ޗައިނާ (ޖުލައި 20) - ފައިގެ ކަށިގަނޑު ބިންދައިގެން ދިޔަ ނަމަވެސް ފުޓްބޯޅަ ކުޅުން ހުއްޓާނުލާނެ ކަމަށް ޗައިނީސް ސުޕަ ލީގުގެ ޝަންހާއީ ޝެންހުއާ އަށް ކުޅޭ ސެނެގޯލްގެ ފޯވާޑް ޑެމްބާ ބާ ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ފޯވާޑުގެ ވާތު ފައިގެ ކަށިގަނޑު ބިންދައިގެން ދިޔައީ ޗައިނީސް ސުޕަ ލީގުގައި އާދީއްތަ ދުވަހު ކުޅުނު މެޗުގައި ބޯޅައިގައި ބޮލުން ޖަހަން އެރުމަށް ފަހު، ބިންމަތީ ފައި ޖެހުނު ވަގުތު އިދިކޮޅު ކުޅުންތެރިޔާ ޖެހި ޓެކްލް ފަޔަށް އަރައިގެންނެވެ. އެއާ އެކު ގިނަ ބަޔަކު ލަފާކުރީ އޭނާގެ ކެރިއަރު ނިމުނީ ކަމަށެވެ.

"މިއީ ވަރަށް ބޮޑު އަނިޔާއެއް. އެކަމަކު އަހަރެން މިކަމުން އަރައިގަންނާން. ޔަގީނުން ވެސް ކުޅުން ހުއްޓާނުލާނަން،" ޑެމްބާ ބާ ބުންޏެވެ.

ޑެމްބާ ބާ ބުނީ އަންނަ އަހަރުގެ މާޗު މަހު ސީޒަން ފަށަންވާއިރަށް ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް އަދި ޗެލްސީ އަށް ކުޅުނު ސެނެގާލްގެ ފޯވާޑް ޗައިނާ ލީގަށް ބަދަލުވީ މިދިޔަ އަހަރު ތުރުކީގެ ބެސިކްޓަސް އިން 12 މިލިއަން ޕައުންޑަށެވެ.

އަށާރަ މެޗުން 12 ލަނޑު ޖަހާފައިވާ ޑެމްބާ ބާ އަކީ ޗައިނީސް ސުޕަ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ.