10 އެޕްރީލް 2018 - 09:00

ނިއު ރޭޑިއަންޓުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަކީ ސުވާލު އުފެއްދޭ ވަރުގެ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ވަރުގެ ޕްރޮފެޝަނަލް ކުޅުންތެރިޔެއް ނުދެކޭ ކަމަށް ނިއުގެ ޑިފެންޑަރު އަދި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ ބުނެފި އެވެ.

އޭއެފްސީ ކަޕްގައި މިރޭ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް އެ ގައުމުގައި ނިއު ނުކުންނައިރު، ދަގަނޑޭ ވަނީ މި ފަހަރުގެ މުބާރާތުގައި އެންމެ ފަހުން ކުޅުނު ނިއު މެޗުގައި އިންޑިއާގެ އައިޒޯލް ކޮޅަށް ހެޓްރިކެއް ހަަދައިފަ އެވެ. އޭގެ ފަހުން ޕްރެސް ކޮންފަރެންސަކަށް ހާޒިރުނުވުމުން ގައުމީ ޓީމުން ވަނީ ދަގަނޑޭ ޓީމުން ވަކިކޮށްފަ އެވެ. އެ އަށް ފަހު ނިއު އިން ކުޅުނު ފުރަތަމަ މެޗުގައި އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ދަގަނޑޭ ވަނީ ދެ ގޯލު ޖަހައި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ބެންގަލޫރު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ބުނީ އޭނާއާ އެކު މަސައްކަތްކުރި ކުޅުންތެރިންގެ ތެރެއިން އެންމެ ޕްރޮފެޝަނަލް ކުޅުންތެރިޔަކީ ދަގަނޑޭ ކަމަށެވެ.
"ވަރަށް ގިނަ ވާހަކަތަކެއް އަޝްފާގާ ބެހޭގޮތުން ދެކެވިއްޖެ. އަޝްފާގަކީ ސުވާލު އުފެއްދޭ ވަރުގެ ކުޅުންތެރިއެއް ނޫން. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޝްފާގަކީ ޓޮޕް ޕްލޭޔަރެއް. އަހަރެން ނުވައެއް ނޫނީ ދިހަ ވަރަކަށް އަހަރު އަޝްފާގާ އެކު މަސައްކަތްކޮށްފިން. އެ ވަރުގެ ޕްރޮފެޝަނަލް ކުޅުންތެރިއެއް ނުދެކެން އެކުގައި އުޅުނު،" އަކުރަމް ބުންޏެވެ.
އަކުރަމް ބުނީ މިރޭގެ މެޗަށް ނުކުންނައިރު ދަގަނޑޭ ހުރީ ތަފާތު ދައްކަން ބޭނުންވެފައި ކަމަށެވެ.
"އަޝްފާގު ހުރީ ރަނގަޅު ފޯމެއްގައި. އޭނާ އެކަން ދަނޑުމަތީގައި ދައްކާނެ،"
ގްރޫޕް އީގެ އެއް ވަނައިގައި އޮތް ބެންގަލޫރާއި ދެ ވަނައިގައި އޮތް ނިއުއާ ހުރިހާ ގޮތަކުން އޮތީ އެއްވަރުވެފަ އެވެ. ދެ ޓީމަށް ވެސް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފައިދާ އޮތީ ތިން ގޯލެވެ. މުބާރާތުގެ އަނެއް ބުރުގެ ޖާގަ ލިބެނީ މި ގްރޫޕުގެ އެއް ވަނަ ޓީމަށް ކަމަށެވެ. އެ މަގާމަށް ވާދަކުރާ ދެ ޓީމަކީ ނިއު އާއި ބެންގަލޫރެވެ.
"މި މެޗުން އަހަރެމެންގެ ފެންވަރު ވަޒަކޮށްލެވޭނެ. އެންމެނަށް ވެސް އެނގޭނެ ބެންގަލޫރަކީ އަހަރެމެންނަށް (ނިއު) އަށް ވުރެ މި ވަގުތު ބޮޑު ކްލަބެއްކަން. އަހަރެމެން މި ތިބީ ގައުމީ މި ކްލަބަށް ޓަކައި މޮޅެއް ހޯދުމުގެ އަޒުމުގައި،" އަކްރަމް ބުންޏެވެ.
އޭއެފްސީ ކަޕުގައި ބެންގަލޫރާ އަތުން މިހާތަނަށް ރާއްޖޭގެ ކްލަބަކަށް މޮޅެއް ހޯދިފައިނުވެ އެވެ. މާޒިޔާ އަތުން ދެ ސީޒަނެއްގައި ހަތަރު ފަހަރަށް ބެންގަލޫރު މޮޅުވެފައިވާއިރު، މި ފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުން ބެންގަލޫރުން ވަނީ ޓީސީ އަތުން މޮޅުވެފަ އެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ސިފަކުރާ ގޮތުގައި ބެންގަލޫރާ ދެކޮޅަށް ކުޅޭ ދެ މެޗަކީ ނިއު އަށް ދެ ފައިނަލެވެ. އަކްރަމް ބުނީ މި ފަދަ މުބާރާތެއްގައި ކުރިއަށްދެވޭނީ ބޮޑެތި މެޗުތަކުން މޮޅުވެގެން ކަމަށެވެ.
"އަހަރެމެން އަނެއް ބުރަށް ދަަންޏާ އެބަޖެހޭ ބޮޑު މެޗުތަކުން މޮޅުވާން. މިއީ ފުރިހަމަ ބޮޑު މެޗެއް. އިންޝާﷲ އަހަރެމެން ރަނގަޅު ފައިޓެއްދީ މި މެޗުން މޮޅުވާނަން،" އަކްރަމް ބުންޏެވެ.
ބެންގަލޫރާއި ނިއު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 19:30 ގަ އެވެ.