ނިއުގެ އެޓޭކް ވަރުގަދަ، މެޗު އުނދަގޫވާނެ: ބެންގަލޫރު
ނިއުގެ އެޓޭކް ވަރުގަދަ، މެޗު އުނދަގޫވާނެ: ބެންގަލޫރު

ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު އޭއެފްސީ ކަޕުގައި މިރޭ ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ޕޮއިންޓް ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗު އަލްބާޓް ރޮކާ ބުނެފި އެވެ.

ގްރޫޕް އީގެ އެއް ވަނައިގައި އޮތް ބެންގަލޫރާއި ދެ ވަނައިގައި އޮތް ނިއުއާ ހުރިހާ ގޮތަކުން އޮތީ އެއްވަރުވެފަ އެވެ. ދެ ޓީމަށް ވެސް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފައިދާ އޮތީ ތިން ގޯލެވެ. މުބާރާތުގެ އަނެއް ބުރުގެ ޖާގަ އެއް ޓީމަށް ލިބޭއިރު، އެ ޖާގަ އަށް ބެންގަލޫރާ ވާދަކުރަނީ ނިއު އެވެ.

"ނިއު ރޭޑިއަންޓަކީ ވަރަށް ރަނގަޅު ކުޅުންތެރިން ތިބި މޮޅު ޓީމެއް. ނިއު އިން އައިޒޯލް އާއި ޑާކާއާ ދެކޮޅަށް ކުޅުނު މެޗުތައް އަހަރެމެން ބެލިން. އަހަރެމެންނަށް ޔަގީން އެ މީހުން (ނިއު) އަތުން ޕޮއިންޓު ހޯދަން އަހަރެމެން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެކަން،" ކުރިން ބާސެލޯނާގައި މަސައްކަތްކުރި ރޮކާ ބުންޏެވެ.

ބެންގަލޫރުން މި ފަހަރު އިންޑިއަން ސުޕަ ލީގުގައި ވާދަކުރަމުން އަންނާތީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމާ އެކު މި އަހަރު އޭއެފްސީ ކަޕްގައި އެ ޓީމު ކުޅުނު މެޗުތަކުގައި އެ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ނުކުޅެ އެވެ. އޭގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ހިމެނެ އެވެ. އެހެން ނަމަވެސް ނިއުއާ ދެކޮޅަށް ކުޅޭ މެޗަށް އެ ޓީމުން ބޭއްވި ފަރިތަކުރުންތަކުގައި ޗެތުރީ ވަނީ ފުރަތަމަ ޓީމާ އެކު ފަރިތަކޮށްފަ އެވެ.

"އަހަރެމެންގެ ތެރޭގައި އެބަތިބި ވަރަށް ރަނގަޅު ފޯމެއްގައި ތިބި ކުޅުންތެރިންނާއި އާ ފުރުސަތަކަށް އެދިއެދި ތިބި ކުޅުންތެރިން. ވިސްނަން ޖެހޭ އަނެއް ކަމަކީ ކުރިއަށް އެބައޮތް ސުޕަ ކަޕްގެ ކުއާޓާ ފައިނަލް ވެސް. އެބަޖެހޭ ބައެއް ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތުދޭން. އެކަމަކު ޔަގީނުން ވެސް އަހަންނަށް އެނގޭ ދަނޑު މައްޗަށް އަރާ ކުޅުންތެރިން އެންމެ މޮޅަށް ކުޅޭނެކަން،" މިރޭގެ މެޗުގެ ސްކޮޑާ ބެހޭގޮތުން ރޮކާ ބުންޏެވެ.

ބެންގަލޫރު ވަނީ މިހާތަނަށް ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އެ ޓީމު މީގެ ކުރިން ކުޅުނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބާ އެވެ. މިއީ އޭއެފްސީ ކަޕްގައި ނިއުއާ ދެކޮޅަށް ބެންގަލޫރު ކުޅޭ ފުރަތަމަ މެޗެވެ.

ރޮކާ ބުނީ ނިއުގެ އެޓޭކުގައި ތިބީ ކޮލިޓީ ކުޅުންތެރިން ކަމަށާއި މެޗުގެ ކުރިން އެއްވެސް ކަހަލަ ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ.

"އައިޒޯލްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ މީހުން (އައިޒޯލް) ކުރިން ލަނޑު ޖެހުމުން ވެސް އަހަރެމެން ފަހަތުން އަރައި މޮޅުވެވުނު. އެކަމަކު ނިއުއާ ދެކޮޅަށް ނެތް އެ ފަދަ ޔަގީންކަމެއް މެޗުގެ ކުރިން ދެވެން. އެއީ އެ ޓީމުގެ އެޓޭކުގައި ތިބީ ކޮލިޓީ ކުޅުންތެރިން. މި މެޗަކީ ކުރިއަށް ޖެހިލަން ލިބޭ ފުރުސަތެއް. މީގެ ބޭނުން ހިފައި ތަފާތު ބޮޑުކުރަން ބޭނުން،" ރޮކާ ބުންޏެވެ.

ބެންގަލޫރާއި ނިއު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 19:30 ގަ އެވެ.