10 އެޕްރީލް 2018 - 08:29

މިހާރު ވެސް ޔަގީންވާ ކަމަކީ ޝާހްރުކް ހާންގެ ދޮށީ ދެ ދަރިން ކަމަށްވާ އަރިޔަން ހާނާއި ސުހާނާ ހާން ހިނގާނީ ބައްޕަގެ ފިޔަވަޅު މަތިން ފިލްމީ ދާއިރާއިން ކަމެވެ. އެކަމަށް ޝާހްރުކް ހުރީ އެހީވާން ވެސް ތައްޔާރަށެވެ.

އެކަމަކު ހަތަރު އަހަރުގެ ހަގު ފިރިހެން ދަރިފުޅު އަބްރަމް ކެރިއާއެއްގެ ގޮތުގައި ނަގަން ޝާހްރުކް ބޭނުން ވަނީ ހޮކީ އެވެ. އޭނާ ބުނި ގޮތުގައި ދެކެން ބޭނުންވީ އަބްރަމް ބޮޑުވެގެން، އިންޑިއާގެ ގައުމީ ހޮކީ ޓީމްގައި ހިމެނުމެވެ.
މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ގައި ވާދަ ކުރާ ޝާހްރުކްގެ ކްރިކެޓް ޓީމް ކަލްކަތާ ނައިޓް ރައިޑާޒް (ކޭކޭއާރް) މެޗެއްގެ ހަވާސާގައި ސާދްނާ ނިއުސް އަށް ދިން އިންޓަވިއުއެއްގައި، 52 އަހަރުގެ އެކްޓަރު ބުނި ގޮތުގައި އަބްރަމްއަކީ މިހާރު ކޮންމެވެސް ވަރަކަށް ފުޓްބޯޅަށް ވެސް ކުޅޭ ކުއްޖެކެވެ.
"އަހަރެން ވަރަށް ދެކެން ބޭނުން އަބްރަމް ބޮޑުވެގެން ހޮކީގައި އިންޑިއާ ތަމްސީލު ކުރާ ކުޅުންތެރިއަކަށްވާ ތަން ދެކެން،" 2007 ގެ ފިލްމް "ޗަކް ދޭ އިންޑިއާ" ގައި ހޮކީ ކޯޗެއްގެ ރޯލް ކުޅުނު ޝާހްރުކް ބުންޏެވެ.
އޭނާ ބުނީ އަމިއްލަ ކްރިކެޓް ޓީމެއް ގެންގުޅެ، ކްރިކެޓްގެ ވާހަކަތައް ގޭތެރޭގައި ވަރަށް ގިނައިން ދެކެވުނު ނަމަވެސް އަބްރަމް ކްރިކެޓަށް އެހާ ބޮޑު ޝައުގުވެރި ކަމެއް ނުދޭ ކަމަށެވެ.
"އަހަންނަށް ވަރަށް ބޮޑަށް ހީވޭ ކޮންމެ ވެސް ކަހަލަ ކުޅިވަރަކުންހެން އޭނަ ކުރިއަށް ދާނީ. އެ ދުވަސް ދެކެން ވަރަށް ބޭނުން. ވަކިން ހާއްސަކޮށް އަބްރަމް ހޮކީ އަށް ގޮސްފި ނަމަ ވަރަށް އުފާވާނެ،" މިހާރު ފިލްމް "ޒީޒޯ" ގެ މަސައްކަތް ކުރަމުން އަންނަ ޝާހްރުކް ބުންޏެވެ.
އަބްރަމްއަކީ ޝާހްރުކާއި ގޯރީ އަށް ސަރޮގޭޓްކޮށްގެން ލިބުނު ކުއްޖެކެވެ. އަދި ކުޑަކުޑަ އަބްރަމްއަކީ މިހާރު ވެސް މަޝްހޫރު ކުއްޖެކެވެ. އޭނާގެ ތަފާތު އެކި ކަހަލަ ވާހަކަތައް ދޭތެރެދޭތެރެ އިން މީޑިއާތަކުގެ ސުރުހީތަކަށް އަރަ އެވެ. ދެހާސް ސާދައިގައި ރިލީޒް ކުރި ޝާހްރުކްގެ ފިލްމް "ހެޕީ ނިއު އިޔާ" ގެ އެންޑިން ކްރެޑިޓް ގެނެސްދޭ ލަވައިގެ ތަންކޮޅަކުން ވެސް އަބްރަމް ފެނިގެން ގޮސްފައިވެ އެވެ.
ޝާހްރުކްގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން އަށް މިހާރު 20 އަހަރެވެ. ސުހާނާ އަށް 17 އަހަރެވެ. ބެލެވޭ ގޮތުން ދެން މާ ގިނަ ދުވަސްތަކެއް އެ ދެ މީހުން ވެސް ބޮލީވުޑަށް ތައާރަފު ވާނެ އެވެ.