ބެންގަލޫރު މެޗަކީ ނިއު އަށް ބޮޑު އިމްތިހާނެއް: އޮސްކާ
ބެންގަލޫރު މެޗަކީ ނިއު އަށް ބޮޑު އިމްތިހާނެއް: އޮސްކާ

އޭއެފްސީ ކަޕްގައި މާދަމާރޭ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭއިރު މިއީ ނިއު ރޭޑިއަންޓަށް ބޮޑު އިމްތިހާނެއް ކަމަށް ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

ބެންގަލޫރު މެޗަކީ ނިއު އަށް ބޮޑު އިމްތިހާނެއް: އޮސްކާ
ބެންގަލޫރު މެޗަކީ ނިއު އަށް ބޮޑު އިމްތިހާނެއް: އޮސްކާ

ގްރޫޕް އީގެ އެއް ވަނައިގައި އޮތް ބެންގަލޫރާއި ދެ ވަނައިގައި އޮތް ނިއުއާ ހުރިހާ ގޮތަކުން އޮތީ އެއްވަރުވެފަ އެވެ. ދެ ޓީމަށް ވެސް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފައިދާ އޮތީ ތިން ގޯލެވެ. މުބާރާތުގެ އަނެއް ބުރުގެ ޖާގަ ލިބެނީ މި ގްރޫޕުގެ އެއް ވަނަ ޓީމަށް ކަމަށްވާއިރު، އެ މަގާމަށް ވާދަކުރާނެ ދެ ޓީމަކީ ނިއު އާއި ބެންގަލޫރު ކަަމަށް ބެލެވެ އެވެ.

"ކުރިއަށް އޮތް 15 ދުވަސް ތެރޭ ބެންގަލޫރާ ދެކޮޅަށް ކުޅޭ ދެ މެޗު ވަރަށް ހާއްސަވާނެ. އެއީ މި ގްރޫޕުން އަނެއް ބުރަށްދާ ޓީމެއް ކަނޑައަޅަން. މި ދެ ޓީމުގެ މެޗުތަކުގެ ނަތީޖާ ހެޑް ޓު ހެޑް ގަވައިދަށް ވެސް ވަރަށް މުހިއްމު. އެ ހުރިހާ ކަމަކުން ވެސް މެޗުގެ މުހިއްމުކަން ދަނީ އިތުރަށް ބޮޑުވަމުން،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުންޏެވެ.

އޮސްކާ ވަނީ މީގެ ކުރިން އިންޑިއާގެ ސްޕޯޓިން ގޯއާ އާއި މުމްބާއީ ސިޓީގައި މަސައްކަތް ކޮށްފަ އެވެ. އިންޑިއާގެ އައި ލީގު މިދިޔަ އަހަރުގެ ޗެމްޕިއަން އައިޒޯލް އަތުން މި ފަހަރުގެ އޭއެފްސީ ކަޕްގައި ނިއު 3-1 އިން މޮޅުވިއިރު ވެސް އޮސްކާ އަށް އޮތް އެއް އެޑްވާންޓޭޖަކީ އިންޑިއާ ފުޓްބޯޅަ އެނގުމެވެ.

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަތުން ބަލިވި ފަހުން އެންމެ ފަހުން ކުޅުނު 22 މެޗުގެ ތެރެއިން ނިއު އަދި މެޗަކުން ބަލިނުވެ އެވެ. މިއީ އޮސްކާ އަށް އޮތް ހިތްހަމަ ޖެހުމެއް ނަމަވެސް އިދިކޮޅަށް ނުކުންނަ ބެންގަލޫރު އޮތީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް 100 ޕަސެންޓް ރެކޯޑަކާ އެކު އެވެ.

"ބެންގަލޫރަކީ އިންޑިއާގެ އާދައިގެ ކްލަބެއް ނޫން. ވަރަށް ރަނގަޅު ފެންވަރެއްގެ ދަނޑެއް އޮތް ޓީމެއް. ރޮކާ (ބެންގަލޫރު ކޯޗު) އަކީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅޭ ސްޓައިލެއްގެ ފުޓްބޯޅަ ކުޅުވާ ކޯޗެއް. އަހަރެންގެ ވިސްނުމަކީ ވެސް އެއީ. މި މެޗު ވެގެންދާނެ މި ފަދަ ދެ ޓީމު ކުޅޭ ފުރިހަމަ މެޗަކަށް،" އޮސްކާ ބުންޏެވެ.

"އަހަރެމެން ވަރަށް މަސައްކަތް ކުރިން މިދިޔަ އަހަރު މި އަހަރުގެ އޭއެފްސީ ކަޕަށް އަންނަން. މި ދެ މެޗުން އަހަރެމެންނަށް އެނގިގެންދާނެ ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ޓީމާ އަހަރެމެންނާ ހުރީ ކިހާ ތަފާތެއްކަން،"

ކުރިން އިންޑިއާ ލީގުގައި ކުޅުނު އަފްގާނިސްތާނުގެ ހާރޫން އަމީރާ ނިއުގައި ހުރުމަކީ އޮތް ހިތްހަމަ ޖެހުމެއް ކަމަށް އޮސްކާ ބުންޏެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު ދެ ކުޅުންތެރިޔަކީ ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. މި މެޗަކީ މި ދެ ކުޅުންތެރިންގެ ވެސް ރަނގަޅު ކުރިމަތިލުމަކަށްވާނެ އެވެ.

"ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ދެ ނަމެއް އެބައޮތް. އެކަކީ ސުނިލް ޗެތުރީ. ދެން ހުރީ އަޝްފާގު. މި މެޗަކީ މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ބަލާލަން ބޭނުންވެފައި ހުރި ބަޔަކަށް ލިބޭ ރަނގަޅު ފުރުސަތެއް. އަޝްފާގަކީ ވަރަށް މޮޅު ކުޅުންތެރިޔެއް. އޭނާ އަހަރެންގެ ޓީމުގައި ހުރުމަކީ ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން،" އޮސްކާ ބުންޏެވެ.

ބެންގަލޫރުން މި ފަހަރުގެ އޭއެފްސީ ކަޕްގައި މިހާތަނަށް ބޭނުންކޮށްފައިވަނީ އެ ޓީމުގެ އެންމެ ވަރުގަދަ އެގާރަ ކުޅުންތެރިންނެއް ނޫނެވެ. ސަބަބަކީ އެ ޓީމަށް އިންޑިއަން ސުޕަ ލީގާއި ކަޕްގެ މެޗުތަކެއް އޮތުމުންނެވެ. އޮސްކާ ބުނީ މި މެޗުގައި އެކަން ބަދަލުވާނެ ކަމަށެވެ.

"ބެންގަލޫރުގެ ދެ ވަނަ ސްކޮޑެއް އޮންނަކަން ނޭނގޭ. އަހަންނަށް ފެންނަނީ 22 ކުޅުންތެރިންގެ އެއް ސްކޮޑު. އަހަރެން ގަބޫލުކުރާ ގޮތުގައި ބެންގަލޫރަށް އެނގޭނެ މި މެޗުގައި އެ ޓީމާ ދެކޮޅަށް ނުކުންނަނީ ވަރުގަދަ ޓީމެއްކަން. އެހެންވެ އެ ޓީމުން ނެރޭނީ ވެސް ވަރުގަދަ ޓީމެއް،" އޮސްކާ ބުންޏެވެ.

ނިއު އިން މި ސީޒަނަށް ތައްޔާރުވީ ރަނގަޅު ޕްރީ ސީޒަނަކާ އެކު ކަމަށްވެފައި އޭއެފްސީ ކަޕުގެ ދެ މެޗުގެ އިތުރުން ނިއު އިން އެސްޓީއޯ މާލޭ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ނުކުތީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ހަތަރު ޓީމާ ދެކޮޅަށް ކަމަށްވާތީ ބެންގަލޫރު މެޗަށް އޮތީ ފުރިހަމަ އަށް ތައްޔާރުވެވިފައި ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

ބެންގަލޫރާއި ނިއު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާރޭ 19:30 ގަ އެވެ.