09 އެޕްރީލް 2018 - 21:03

މި މަހު ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ތައިލެންޑު ޓްރެއިން ކޭމްޕްގައި ކުޅުނު ފުރަތަމަ މެޗުން ގައުމީ ވޮލީބޯޅަ ޓީމު މޮޅުވެއްޖެ އެވެ.
ނިސްބަތުން ޒުވާން ޓީމެއް ގޮވައިގެން މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ވޮލީބޯޅަ ޓީމު މިއަދު ކުޅުނީ ތައިލެންޑު ލީގުގެ ހަތް ވަނައިގައި އޮތް ކަސެޓް ސްޓާއާ ދެކޮޅަށެވެ. މި މެޗު ރާއްޖޭން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ރާއްޖެ އިން 25-21 އިން ގެންގޮސްފައި އޮއްވައި ކަސެޓުން ވަނީ ދެ ވަނަ ސެޓު 17-25 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. ތިން ވަނަ ސެޓު 25-13 އިން ކާމިޔާބުކޮށް ރާއްޖޭން އަނެއްކާ ކުރިއަށް ޖެހިލި އެވެ. އެހެން ނަމަވެސް ކަސެޓުން ހަތަރު ވަނަ ސެޓު 22-25 އިން ގެންގޮސް އަނެއްކާ ވެސް ނަތީޖާ ހަމަހަމަ ކުރި އެވެ. ރާއްޖޭން މެޗު ކާމިޔާބުކުރީ ފަސް ވަނަ ސެޓު 15-11 އިން ގެންގޮސްގެންނެވެ.
ތައިލެންޑް ޓްރެއިނިން ކޭމްޕްގައި އިތުރު މެޗުތަކެއް ގައުމީ ވޮލީބޯޅަ ޓީމުން ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާދަމާ ކުޅޭނީ އެއާފޯސްޓީމާ ދެކޮޅަށެވެ.
ރާއްޖޭގެ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ޓީމުގެ ފަރިތަކުރުން މިދިޔަ ޖެނުއަރީ މަހު ފެށިއިރު، އޭރު ވަނީ އޭވީސީ މުބާރާތުގެ ކުރިން ޓްރެއިނިން ކޭމްޕްގައި ސްކޮޑުގައި ހިމެނޭ ކުޅުންތެރިން އެކި މަގާމުތަކަށް ޓެސްޓް ކުރާނެ ކަމަށް ބުނެފަ އެވެ. ސަބަބަކީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިން މި ފަހަރު ނިސްބަތުން މަދުވުމުންނެވެ.
މި ފަހަރުގެ ޓީމުގައި ނުހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ދާދި ފަހުން ރިޓަޔާކުރި ކުރީގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަހުސަން އަދި މުހައްމަދު ޝާއިން އަދި އަޝްފާގު އާދަމް (އައްކަޅޭ) ހިމެނެ އެވެ.
މި ފަހަރު ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.
އޭވީސީ މުބާރާތް އޮތީ މި މަހު 19 އިން 27 ގެ ނިޔަލަށެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ މި ފަހަރު މުބާރާތުގައި މިހާތަނަށް ހަތް ގައުމަކުން ބައިވެރިވާނެ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ގައުމެއް އަދި ފައިނަލް ނުވާ ކަމަށެވެ.
ބަންގްލަދޭޝްގައި އެންމެ ފަހުން އޮތް އޭވީސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެ ގައުމުންނެވެ. އެ ފަހަރު ރާއްޖެ ދިޔައީ މުބާރާތުގެ ތިން ވަނަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު މާޗް މަހު މާލޭގައި އޮތް މުބާރާތް ކާމިޔާބުކުރީ ކިރްގިސްތާން އެވެ. އެ މުބާރާތް ރާއްޖޭން ނިންމާލީ މޮޅެއް ނުލިބި އެވެ.