09 އެޕްރީލް 2018 - 17:29

އުމުރުން 65 އަހަރުން މަތީ މީހުންނަށް، ގޭގެއަށް ގޮސްގެން ފަރުވާދޭ ޚިދުމަތެއް އޭޑީކޭ ހޮސްޕިޓަލުން މިއަދު ތައާރަފްކޮށްފި އެވެ.
އޭޑީކޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ "އޭޑީކޭ އެޓް ހޯމް" ގެ ނަމުގައި މިއަދު ފެށި ޚިދުމަތް، ރަޖިސްޓްރީ ކުރުމުން އެ ހޮސްޕިޓަލުގެ ޓީމަކުން ގޭގެ އަށް ގޮސް ފަރުވާދޭނެ ކަމަށެވެ. އޭގެ ތެރޭގައި އެ ބަލި މީހާގެ ޓެސްޓުތައް ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވި ގޮތުގައި އެ ޚިދުމަތް ރަޖިސްޓްރީކުރުމުން، ފަރުވާ ކުރިއަށް ގެންދާނީ އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާދޭ އުސޫލުންނެވެ.
"އަޅުގަނޑުމެން ގެންގުޅޭ އިކުއިޕްމެންޓަކީ ގެއިން ޓެސްޓްތައް ހެދޭފަދަ ތަކެތި. ފަރުވާ ހޯދަން އަޅުގަނޑުމެންނަށް ގުޅާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ޓީމުން ރެގިއުލާކޮށް އެ އޮންނަ ޝެޑިއުލްއެއްގެ ދަށުން ފަރުވާދޭނެ،" އަފްއާލް ވިދާޅުވި އެވެ.
އެ ޚިދުމަތުގައި ހިމެނެނީ ތިން ޕެކޭޖެކެވެ. އޭގެ ތެރެއިން "ގްރީން" ޚާއްސަކޮށްފައި ވަނީ އެހާ ހާލު ބޮޑު ނޫން މީހުނަށެވެ. އެފަދަ މީހުން ރަޖިސްޓްރީވުމަށް 4،500 ރުފިޔާ ދައްކަން ޖެހޭއިރު މަހަކު ދައްކަން ޖެހެނީ 900 ރުފިޔާ އެވެ. ބަލިކޮށް އުޅޭ މީހުން "ޔެލޯ" ޕެކޭޖް ނަގަން ޖެހޭއިރު އެ މީހުން ރަޖިސްޓްރީވުމަށް 4،000 ރުފިޔާ އަދި މަހަކު 1،200 ރުފިޔާ ދައްކަން ޖެހެ އެވެ. ހާލުބޮޑު މީހުންނަށް ހާއްސަ "ރެޑް" ޕެކޭޖުގައި ރަޖިސްޓްރީވުމަށް 3،500 ރުފިޔާ ދައްކަން ޖެހޭއިރު މަހަކު ދައްކަން ޖެހެނީ 1،500 ރުފިޔާ އެވެ.
އަފްއާލް ވިދާޅުވީ ޕެކޭޖް ކަނޑައަޅާނީ އޭޑީކޭގެ ޓީމުން އެމީހެއްގެ ސިއްހީ ހާލަތު ބެލުމަށް ފަހު ކަމަށެވެ. ކޮންމެ ޕެކޭޖެއް ނެގި ނަމަވެސް މެޑިކަލްޗެކަޕެއް ހަދައި ހުރި މައްސަލަތައް ދެނެގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕެކޭޖުގެ ދަށުން ފަރުވާދޭ މީހާ ކޮންމެހެން ހޮސްޕިޓަލަށް ގެންނަން ޖެހިއްޖެނަމަ އެކަމުގެ އިންތިޒާމުތައްވެސް ހޮސްޕިޓަލުން ހަމަޖައްސާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ދޭ ފަރުވާތައް އެ ޕެކޭޖުތަކުގައި ނުހިމެނެ އެވެ.
އެ ހިދުމަތް މިހާތަނަށް އިންޝްއަރެންސް ނުކުރެ އެވެ. ނަމަވެސް އާސަންދަ ހިމެނޭގޮތަށް އިންޝުއަރެންސް ކުންފުނިތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ.
ހަމައެކަނި ދުވަސްވީ މީހުންނަށް އެ ހިދުމަތް ފެށީ، އޮސްޓްރޭލިއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި ދެމުންގެންދާ އެ ހިދުމަތް ދިރާސާ ކުރުމަށްފަހުގައި ކަމަށް އޭޑީކޭއިން ބުނެ އެވެ.