ވިލާ ކޮލެޖުން މަތީ ތައުލީމުގެ އާ ޕްރޮގްރާމްތަކެއް ތައާރަފުކޮށްފި
ވިލާ ކޮލެޖުން މަތީ ތައުލީމުގެ އާ ޕްރޮގްރާމްތަކެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން އާ ފަސް ޕްރޮގްރާމެއް މިއަދު ތައާރަފުކޮށް، އެ ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި، މަތީ ތައުލީމުގެ އާ ޕްރޮގްރާމްތައް ތައާރަފު ކޮށްދެއްވީ އެ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

ވިލާ އިން އަލަށް ތައާރަފު ކުރީ އެ ކޮލެޖުގެ އަމިއްލަ ފަސް ޕްރޮގްރާމެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލް 4 އިން ނާސިން، ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓް، ކްރިމިނަލް ލޯ އަށް ޚާއްސަކޮ ށްފައިވާ މާސްޓާ އޮފް ޝަރީއާ އެންޑް ލޯ، މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) އަދި ދިވެހި ބަސް ކިޔަވައި ދިނުމުގެ މާސްޓާ ޕްރޮގްރާމެކެވެ.

މި ފަސް ޕްރޮގްރާމްގެ އިތުރުން ވިލާގައި އަންނަ މަހު ފަށާ 102 ޕްރޮގްރާމަކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.

ނާސިން އާއި ޓޫރިޒަމް ފިޔަވައި ދެން ތައާރަފު ކުރި ތިން ޕްރޮގްރާމުގެ ފީ އަކީ ކޮންމެ މަހަކަށް 4،950ރ. އެވެ. އެއް އަހަރުގެ މުއްދަތަކަށް ހިންގާ އެ ޕްރޮގްރާމްގެ ފީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފައިނޭންޝަލް ސްކީމުން ދެއްކޭނެ އެވެ.

އެއް އަހަރުގެ މުއްދަތަށް ހިންގާ ޓޫރިޒަމް ކޯހުގެ ފީގެ ގޮތުގައި 2،999ރ. ދައްކަން ޖެހޭއިރު ނާސިން ކޯހުގެ ފީ އަކީ މަހަކަށް 2،500ރ. އެވެ.