12 އެޕްރީލް 2018 - 07:38

ބައެއް ކުދިންނަކީ ކަމެއް މަނާކޮށްފި ނަމަ އެކަމެއް ކޮންމެހެން ވެސް ކުރާހިތްވާ ކުދިންނެވެ. އަޖުމަބަލައިލުމުގެ ނިޔަތުގައެވެ. ނަމަވެސް ކުދިންނަށް ރައްކާތެރިވާނެ ގޮތްގޮތް މައިންބަފައިން ވިސްނާނެއެވެ. ކުދިންނަށް ނަސޭހަތްދޭން ތިބޭނެ ބަޔަކީ ވެސް އެއީއެވެ. އެހެންވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ނަމަ ގެއްލުން ކުޑަވާނެއެވެ.
ކުދިން ކުރާހިތްވާ ކަންކަމުގެ ތެރޭން އެއް ކަމަކީ ސުވިމިން ޕޫލަށް އެރުމެވެ. ކޮންމެ ކޮންމެ ޕޫލަކީ ކުދިންގެ އިސްކޮޅުކާ ވަރުގެ ޕޫލަކަށް ނުވެދާނެއެވެ. ކުދިންނަށް ފަތަން އެނގުނަސް ޕޫލަށް އެރެން އެކަނި ދޫކޮށްލާނެ ބެލެނިވެރިޔަކު މަދުވާނެއެވެ. މިކަހަލަ ވަގުތުތަކުގައި ކައިރީގައި މަޑުކުރެވެން ނެތް ނަމަ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ އެއް ފިޔަވަޅަކީ ޑޮލްފިން އެލާމްގެ އުޅާ ކުދިންގެ އަތުގައި އަޅުވާފައި ބޭއްވުމެވެ.
ޑޮލްފިން އެލާމްގައި ހިމެނެނީ ކުދިންގެ އަތުގައި އަޅުވާނެ އުޅައަކާއި ސުވިމިން ޕޫލްތެރޭ ބާއްވާ ބޮއެ އަކާއި ގޭތެރޭ ބަހައްޓާ މޮނީޓަރެކެވެ. ފަތާ ފެންގަނޑުތަކުގައި މިހާރުވެސް މިފާޑުގެ އެއްޗެހި ގެންގުޅެއެވެ. އެކަމަކު ޑޮލްފިން އެލާމާއި މި ޒާތުގެ އެހެން އެއްޗިއްސާ ހުރި ތަފާތަކީ ޑޮލްފިން އެލާމް ބޮއެ ފެންގަނޑުގައި އޮތަސް އެ އެކްޓިވޭޓްވާނީ އަތުގައި އަޅާ އުޅާ ފެނުގެ އަޑިއަށް ގޮސް، އެއިން ފޮނުވައިދޭ ސިގްނަލަކުން ކަމަށްވާތީއެވެ.
ފަތާ ފެންގަނޑު ކައިރިއަށް ނުކުންނަ އިރު ކުއްޖާ އަތުގައި އޮންނާނީ އެ އުޅާ އަޅައިފައެވެ. ޕޫލަށް ފުންމާލައިފިއްޔާ ޑޮލްފިން އެލާމް ވެސް ފެނުއަޑިއަށްދާނެތާއެވެ. އެވަގުތު އެ އުޅައިން ފޮނުވައިދޭ 3ޓޯންގެ ސިގްނަލް، ޕޫލްތެރޭ އޮންނަ ޑޮލްފިން އެލާމް ބޮއެއަށް ލިބެއެވެ. މި ބޮއެއިން 131 ޑެސިބްލްގެ ބާރު އަޑުން ފޮނުވާލާ ސިގްނަލް، 170 ފޫޓު ދުރަށް ފޯރައެވެ. މި ރާސްތާގެ ތެރޭގައި ގޭތެރޭގައި އޮންނަ މޮނީޓަރަށް އަޑު ލިބެއެވެ. އަދި އެހިސާބުން އެ މޮނީޓަރުން ވެސް އަޑެއް ފޮނުވާލައެވެ.