09 އެޕްރީލް 2018 - 14:34

ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރު ކާމިޔާބުކުރި އެތައް ބަޔަކަށް ރެޔަކީ އުފާވެރި ރެއެކެވެ. އެކަމަކު ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ހުވާ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ އަނބިކަނބަލުން ނަސްރީނާ އަހްމަދަށް ވަކިން ހާއްސަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ބައެއް ބޭފުޅުންނާއި ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވާ، އުމުރުން ދުވަސްވީ ބައެއް ބޭފުޅުން ވެސް ވަކީލުކަމުގެ ހުވާ ކުރައްވައި، ވާދަވެރި ލީގަލް ޕްރޮފެޝަނާ ގުޅިވަޑައިގަތެވެ. އެކަމަކު އެންމެ ހާއްސަ ކަމަކަށް ފެނުނީ ފަނޑިޔާރު އަރީފްގެ އަނބިކަނބަލުންނަށް، ގާނޫނީ ވަކީލް ކަމުގެ ހުއްދަ، އަރީފް ސޮއިކުރައްވައި، ސީދާ އަރީފްގެ އަތްޕުޅުން ލިބިވަޑައިގަތުމެވެ.
ކަނޑައެޅުނު ވަކި ތަރުތީބަކުން ވަކީލުކަމުގެ ހުއްދައިގެ ލިޔުން ހަވާލުކޮށް ދެއްވަމުން ގެންދެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ. ކްރިމިނަލް ކޯޓުގައި މިހާރު މަސައްކަތް ކުރައްވާ ނަސްރީނާ އަށް ވަކީލުކަމުގެ ހުއްދަ ފިރިކަލުންގެ އަތްޕުޅުން ލިބިވަޑައިގަތުމަކީ ހަމަ އިއްތިފާގެކެވެ.
ޖިނާއީ ކޯޓުގައި އަރީފް މަސައްކަތްކުރެއްވި އިރު އެތަނުން ބައްދަލުވެ ވަޑައިގެން ނަސްރީނާއާ ކައިވެނި ބައްލަވައިގަނެ، ކައިވެންޏަށް އެތައް އަހަރެއް ވެފައި ވާއިރު މިއީ އެ ދެމަފިރިކަނބަލުންނަށް އިއްތިފާގަކުން ދިމާވި ބޮޑު އުފުލަކަށް ނޫނީ ނުވާނެ އެވެ.
ފޭސްބުކްގައި ނަސްރީނާ ވަނީ ކާމިޔާބީގެ ފަހަތުގައި ފިރިކަލުން ހުންނެވިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. ފަނޑިޔާރު އަރީފް ވެސް އުފަލުގައި ބައިވެރިވެ ވަޑައިގެން، އިތުރު ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.