ފަހު ވަގުތުގެ މޮޅާ އެކު ނަޕޯލީ އުއްމީދު އާކޮށްފި
ފަހު ވަގުތުގެ މޮޅާ އެކު ނަޕޯލީ އުއްމީދު އާކޮށްފި

ނޭޕްލްސް (އޭޕްރިލް 9) – ފަހު ވަގުތު ޖެހި ދެ ލަނޑާ އެކު ކިއޭވޯ އަތުން 2-1 އިން މޮޅުވެ ނަޕޯލީން އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް ޕްރެޝަރު ބޮޑުކޮށްފި އެވެ.

އެއް ވަނައިގައި 81 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ނަޕޯލީ ދެ ވަނައިގައި އޮތީ 77 ޕޮއިންޓާ އެކު އެވެ. މި ވަގުތު ދެ ޓީމުގެ މެދުގައި ހަތަރު ޕޮއިންޓުގެ ތަފާތެއް އޮތްއިރު ރޭ ނަޕޯލީ އަށް މޮޅުނުވެވުނު ނަމަ ޔުވެންޓަސް އަށް ގާތްގަނޑަކަށް ތަށި ޔަގީންވީ އެވެ.

ނަޕޯލީގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ބޮޑުބައި 0-0 އިން އެއްވަރުވެފައި އޮތްއިރު 73 ވަނަ މިނެޓުގައި ކިއޭވޯ އިން ލީޑު ނެގި އެވެ. އަދި 89 ވަނަ މިނެޓާ ހަމަޔަށް ދިޔައިރު ވެސް އެ ޓީމު އޮތީ ކުރީގަ އެވެ. މެޗުގެ މަންޒަރު ބަދަލުކޮށްލައި 89 ވަނަ މިނެޓުގައި ނަޕޯލީ އަށް އެއްވަރުކޮށްދިނީ އަރްކަޑިއުޒް މިލިޗެވެ. އަދި 90 ވަނަ މިނެޓުގައި މޮޅުކޮށްދިނީ އަމަޑޫ ޑިއަވާރާ އެވެ.

ރޭ ލާޒިއޯ ވަނީ އުދިނޭޒީ އަތުން 2-1 އިން މޮޅުވެ 60 ޕޮއިންޓާ އެކު ތިން ވަނަ އަށް އަރައިފަ އެވެ. ރޯމާ ހަތަރު ވަނަ އަށް ވެއްޓިފައިވާއިރު އެ ޓީމަށް ވެސް ލިބިފައިވަނީ 60 ޕޮއިންޓެވެ. ރޭ އިންޓަ އަށް ތިން ވަނަ އަށް އަރަން ފުރުސަތު އޮތް ނަމަވެސް ޓޮރިނޯ އަތުން 1-0 އިން ބަލިވެ އެ ފުރުސަތު ގެއްލުނީ އެވެ. އެ ޓީމު އޮތީ 59 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ޔުރޮޕާ ލީގުގެ ފަހު ޖާގަ ލިބޭ ހަ ވަނައިގައި އޮތް އޭސީ މިލާން ވަނީ ރޭ ސަސުއޮލޯއާ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ 75 ވަނަ މިނެޓުގައި މަޓެއޯ ޕޮލިޓާނޯގެ ލަނޑުން ސަސުއޮލޯ ލީޑު ނަގާފައިވަނިކޮށް މިލާނަށް އެއްވަރުކޮށްދިނީ 86 ވަނަ މިނެޓުގައި ނިކޮލާ ކަލިނިޗެވެ.