09 އެޕްރީލް 2018 - 12:00

ކަކުލަށް މިދިޔަ އަހަރު ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ މާޒިޔާގެ ކެޕްޓަން އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ކަމަށް މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
އަސަދުﷲ ގެ ވާތު ކަކުލަށް ހާނިއްކަވީ މިދިޔަ އޮގަސްޓް މަހު 19 ވަނަ ދުވަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ އަތުން 1-0 އިން މާޒިޔާ މޮޅުވި މެޗުގަ އެވެ. އަސަދުﷲގެ ވާތު ކަކުލުގެ މެނިސްކަސް އާއި ލިގަމެންޓްގެ ސާޖަރީ ހެދީ އިންޑިއާގެ ކޮއިމްބަތޫރުގެ އޯރުތޯ-ވަން އޮރުތޮޕެޑިކް ސްޕެޝިއަލްޓީ ސެންޓަރުގައި މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.
އޮޕްރޭޝަނަށް ފަހު ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއިން އަސަދުﷲ ވަނީ ޖެނުއަރީ މަހު މާޒިޔާއާ އެކު ލުއި ތަމްރީން ޝެޝަންތަކެއްގައި ބައިވެރިވެފަ އެވެ.
އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އިންމަ ބުނީ އަސަދުﷲ ގެ ރިހެބިލިޓޭޝަންގެ ކަންތައްތައް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"އަަސަދުﷲ ފައިގެ އޮޕަރޭޝަނަށް ފަހު މިހާރު ފިޒިއޯ އާއި ކޮންސަލްޓެންސީ ހިފަހައްޓަމުން އެ ދަނީ. ޕްރޮގްރާމްތައް ކުރިއަށް އެ ގެންދަނީ. އެ ސްޓޭޖް ނިމިގެން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަޅުގަނޑާ ހަވާލުވާނެ. އެ ހިސާބުން ފަށައިގެން އަޅުގަނޑު އޭނަ ދަނޑަށް ގެނައުމުގެ މަސައްކަތް ފަށާނަން. ދެން އަޅުގަނޑު ހަވާލުވުމަށް ފަހު 25 ދުވަސް ތެރޭގައި އޭނާ ދަނޑު މައްޗަށް ގެންނާނަން،" އިންމަ ބުންޏެވެ.
އަސަދުﷲ "މިހާރަ"ށް ބުނީ ޓީމުގެ ފަރިތަކުރުންތަކާ ވަރަށް އަވަހަށް ގުޅޭނެ ކަމަށެވެ.
"ޕްރެކްޓިހާ ގުޅުމާ މިހާރު ވަރަށް ކައިރީގައި މި އުޅެނީ. ކޯޗު (އިންމަ) ދެން ގޮތެއް ނިންމާނީ. ޕްރެޓިހާ ގުޅުމަށް ފަހު ކޯޗު ދެން ގޮތް ނިންމާނީ،" އަސަދުﷲ ބުންޏެވެ.
އަސަދުﷲ ނެތި މި ވަގުތު މާޒިޔާގެ ފޯވާޑް ލައިން ބަރޯސާ ވެފައިވަނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި ހަސަން ނާއިޒު (ދާދު) އަށެވެ. އަސަދުﷲ ކުޅުމަށް އެނބުރި އައުމާ އެކު ދާދު އާއި ސްޓެވާޓާ އެކު އެ ޓީމުގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަވެގެންދާނެ އެވެ.