10 އެޕްރީލް 2018 - 06:39

މި އަހަރު ފެށުނީއްސުރެ އެންމެ ގަދައަށް ބޮލީވުޑްގައި ދެކެވޭ އެއް ވާހަކައަކީ ދީޕިކާ ޕަދްކޯނާއި ރަންވީރް ސިންގްގެ ކައިވެނީގެ ވާހަކަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދެ ތަރިންގެ އާއިލާގެ މީހުން ބައްދަލުވެ ކައިވެނީގެ ގަހަނާތައް ވެސް، ގަނެ ތައްޔާރީތައް ވަމުން އަންނަ އިރު، މި އަހަރުގެ ފަހުކޮޅު ރަންބީރާއި ދީޕިކާ ކައިވެނި ކުރާނެ އެވެ.
އެކަމަކު އެ ދެ ތަރިން ރައްޓެހިވެގެން އުޅޭ ކަމަކަށް މިހާތަނަކަށް ރަސްމީކޮށް އެއްބަހެއް ވެސް ނުވެ އެވެ. ނަމަވެސް އިންޓަވިއުތަކުގައި ރަންވީރާއި ދީޕިކާ އެކަކު އަނެކަކަށް ތައުރީފުކޮށް ވަރަށް ގިނައިން ވާހަކަ ދައްކަަ އެވެ. އަދި ދެ މީހުން އުޅޭ ގޮތުން ގާތް ރައްޓެހި ކަމަކަށް ވުރެ ބޮޑު ގުޅުމެއް އޮންނަ ކަމަށް ބެލިދާނެ ވަރަށް ގިނަ ކަންކަން ވެސް އެބަ ހުއްޓެވެ.
ރަންވީރާއި ދީޕިކާ ވަނީ މިހާތަނަށް އެކުގައި ހަތަރު ފިލްމެއްގައި މަސައްކަތް ވެސް ކޮށްފަ އެވެ.
ދާދި ފަހުން ދީޕިކާ ދިން އިންޓަވިއުއެއްގައި ބުނީ ކައިވެނި ވަރަށް މުހިއްމު ކަމަށާއި އޭނާ ސިފަ ކުރާނީ ކައިވެނިކޮށްގެން ކެރިއާ ވެސް ބިނާކުރާ އަންހެނެއްގެ ގޮތުގައި ކަމަށެވެ.
"އެކަމަކު އަހަންނަކަށް ނޭނގޭ އަދި ބުނާކަށް ކައިވެނިކުރާނީ ކޮން އިރަކު ކަމެއް. ވަގުތު ޖެހުނީމަ އެކަން ވާނެ ކަމަށް އަހަރެން ގަބޫލު ކުރަނީ،" ކުރިން ރަންބީރް ކަޕޫރާ ވެސް ރައްޓެހިވި ބަތަލާ ބުންޏެވެ.
ކައިވެންޏާ ބެހޭ ގޮތުން ރަންވީރު ސްޕައިސް ރޫޓް މަޖައްލާ އަށް ދިން އިންޓަވިއު އިން ވަނީ އޭނާ ދީޕިކާއާ ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން އުޅޭކަން ދޭހަވާ ކަހަލަ ގޮތަކަށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ދީޕިކާ ވަރަށް ހާއްސަ ކަމަށާއި އެއީ ހަޔާތުގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ.
"އަހަންނަކަށް ނޭނގޭ ކައިވެނި ކުރާނެ ދުވަހެއް ބުނާކަށް. ވަރަށް ބިޒީކޮށް މި އުޅެނީ. ދީޕިކާ އުޅެނީ ބުރަކަށީގައި ރިއްސާތީ އެކަމަށް ފަރުވާ ހޯދުމުގައި،" ރަންވީރް ބުންޏެވެ. "އަހަރެން ގަބޫލު ކުރަނީ ކައިވެންޏަކީ ކޮންމެ އަންހެން ކުއްޖެއްގެ ވެސް ވަރަށް ބޮޑު ހުވަފެނެއް ކަމަށް."
އޭނާ ބުނި ގޮތުގައި ކައިވެނި ކުރަން ނިންމާ ދުވަހަކުން އެކަން އެންމެންނަށް އެނގޭނެހެން އިއުލާން ކުރާނެ އެވެ.
"އަހަރެން ބޭނުން ނޫން ކޮންމެހެން އެކަން ސިއްރު ކުރާކަށް. ފުރާޅަށް އަރައި އެންމެންނަށް އަޑު އިވޭ ވަރަށް އަހަރެން ބޭނުން ވާނެ އެ ވާހަކަ ދައްކަން،" ރަންވީރް ބުންޏެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ރަންވީރާއި ދީޕިކާގެ ކައިވެނި ވެސް ވެގެން ދާނީ ޑެސްޓިނޭޝަން ވެޑިންއަކަށެވެ.