09 އެޕްރީލް 2018 - 12:25

މިހާރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުން ދަނީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ވިއްސާރަ ކަމަށް، މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ޖުމްލަ 18 ނަކަތް ހިމެނޭ ހުޅަނގު މޫސުން ފެށޭ ކަމަށް ޒަމާނުއްސުރެ ބަލަމުން އަންނަނީ އައްސިދަ ނަކަތުންނެވެ. އިއްޔެ އަކީ އެ ނަކަތުގެ ފުރަތަމަ ދުވަހެވެ.
އެކަމަކު މޫސުމީ އިލްމު ފުޅާވެ، މޫސުން ބަލާނެ މިންގަނޑުތައް ވެސް ތަފާތުވުމުން، ކޮންމެހެން ނަކަތުގެ މައްޗަށް މޫސުމުގެ ހުރިހާ ކަމެއް މިހާރު ބިނައެއް ނުވެ އެވެ. އެގޮތުން ރާއްޖޭގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މީޓިއޮރޮލޮޖިކަލްގެ ގޮތުން ބަލަނީ ހުޅަނގުން ވައި ޖެހެން ފެށުމުންނެވެ.
މެޓްގެ ޑައިރެކްޓަ އޮފް މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެ އަށް ކުރަން ފަށަނީ އާންމު ގޮތެއްގައި މެއި މަހުގެ ދެ ވަނަ ހަފުތާގައި ކަމަށެވެ.
"މިހާރު މި ކުރާ ވިއްސާރަ މާ ގިނަ ދުވަހަކަށް ދެމިގެންނެއް ނުދާނެ،" ރަޝީދު ވިދާޅުވި އެވެ.
"އެކަމަކު ހުޅަނގު މޫސުމުގެ ވިއްސާރަ ތަންކޮޅެއް ގިނަ ދުވަހަށް ދެމިގެންދާނެ."
މެޓުން ލަފާކުރަނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް، ބައެއް ފަހަރަށް، ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 11:00 އިން ހަވީރު 5:00 އަށް ށ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި 30 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.