މަޝްހޫރު މީހަކަށް ވުމުން އެކަހެރިވޭ: ރަންބީރް ކަޕޫރް
މަޝްހޫރު މީހަކަށް ވުމުން އެކަހެރިވޭ: ރަންބީރް ކަޕޫރް

މަޝްހޫރު މީހަކަށްވުމަކީ އާދައިގެ ދިރިއުޅުމެއް އުޅެން ހުރަސް އަޅާ އަދި އެކަމުގެ ސަބަބުން މީހާ ވަރަށް ބޮޑަށް އެކަހެރިކޮށްލާ ކަމެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ބުނެފި އެވެ.

ފިލްމް "ސާވަރިޔާ" އިން 2007 ގައި ފިލްމްގައި ކުޅެން ފެށި އެކްޓަރު ބުނީ އެއްވެސް މީހަކު އެކަހެރިވުމަކީ ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ.

"އެކަމަކު އަހަންނަށް މިހާތަނަށް ފާހަގަ ކުރެވުނީ މީހުން އެހާ ބޮޑަށް ދަންނަ މީހަކަށްވީމަ، އާދައިގެ ދިރިއުޅުމެއް އުޅެން ވަރަށް އުނދަގޫވާކަން. އެކަހެރިވެ، ބައެއް ފަހަރު ވަރަށް ބޮޑަށް އެކަނިވެރިކަން ވެސް އިހުސާސް ކުރެވޭކަން،" ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ރަންބީރް، 35، ބުންޏެވެ. "އޭގެ ސަބަބުން ކުރަން ބޭނުން ނުވިޔަސް ބައެއް ކަންކަން ކުރުމުން މީހާ މަހުރޫމުވާކަން. އެއީ ވަރަށް ދެރަ ކަމެއް."

އޭނާ ބުނީ މަޝްހޫރު މީހަކަށްވުމުން ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ މީހެއްގެ ޒާތީ ދިރިއުޅުމަށް މީޑިއާތަކާއި އާންމުން ވެސް ދޭ ސަމާލުކަން ބޮޑުވުން ކަމަށެވެ.

"އަހަންނަކީ އަބަދު ވެސް ވަރަށް ޕްރައިވެޓް މީހެއް. ޒާތީ ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކުރަން އަހަންނަށް ވަރަށް އުނދަގޫ. އެކަމެއް އަހަންނަކަށް ނުކުރެވޭނެ،" ސޯޝަލް މީޑިއާ ވެސް އެއްގޮތަކަށް ބޭނުން ނުކުރާ ރަންބީރު ބުންޏެވެ.

ބަތަލާ ދީޕިކާ ޕަދްކޯނާއި ކެޓްރީނާ ކެއިފްއާ ލޯބީގެ ގޮތުން ގުޅުންތަކެއް ވެސް ބޭއްވި ރަންބީރު ބުނި ގޮތުގައި އޭނާ އަބަދު ވެސް ބަލަނީ ވީހާ ވެސް އާދައިގެ ގޮތަކަށް އުޅެވޭތޯ އެވެ.

"އަހަރެން ނުބުނާނަން ފިލްމް ކުޅެން ފެށި ފަހަކުން ވެސް އަހަންނަށް މާ ބޮޑު ބަދަލައެއް އައެކޭ. ކޮލެޖްގައި ވެސް އުޅުނު އިރު އުޅޭ ގޮތަށް އަހަރެން އަދިވެސް އުޅެނީ. ރައްޓެހިންނާ އޮންނަ ގުޅުން ހަމަ ކުރިއެކޭ އެއްގޮތަކަށް މިހާރު ވެސް އޮވޭ،" ރިޝީ ކަޕޫރްގެ ދަރިފުޅު ބުންޏެވެ. "އެކަމަކު ރައްޓެހިން މިހާރު އަހަންނާ ދޭތެރޭ ދެކޭ ގޮތެއް އެނގޭނީ އެ މީހުން ކައިރިން އަހާލީމަ."

"ބަރްފީ" އާއި "ޔެ ޖަވާނީ ހޭ ދީވާނީ" އަދި "އޭ ދިލް ހޭ މުޝްކިލް" ފަދަ ކާމިޔާބު ފިލްމްތައް ކުޅެފައިވާ ރަންބީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 25 ގައި ރިލީޒް ކުރާ މަދޫރީ ޑިކްސިޓްގެ ފިލްމް "ބަކެޓް ލިސްޓް" ގެ ހާއްސަ ފެނިލުމަކުންނެވެ.

އޭނާގެ ކުރިއަށް އޮތް ބޮޑު ފިލްމަކީ ޖޫން 29 ގައިި ރިލީޒް ކުރާ ސަންޖޭ ދަތުގެ ބައޮޕިކެވެ. މީގެ އިތުރުން ރަންބީރު މިހާރު އަންނަނީ އަޔާން މުކަރްޖީގެ ފެންޓަސީ/އެޑްވެންޗާ ޓްރިލޮޖީ "ބްރައްމަސްތުރާ" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް ވެސް މިދިޔަ އަހަރު "ޖައްގާ ޖާސޫސް" ކުޅުނު ރަންބީރް ވަނީ ސޮއިކޮށްފަ އެވެ.