09 އެޕްރީލް 2018 - 10:48

ދިވެހިރާއްޖެ އަކީ ހުރިހާ ދިވެހިން ވެސް އެކުވެރިކަމާއި އުފާވެރިކަމާ އެކު ދިރިއުޅޭ، އަމާން މާހައުލަކަށް ހެދުމަކީ ކުރި އަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ހުށަހަޅާ މެނިފެސްޓޯގެ އެއް އަމާޒު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އާއްމު ކުރެއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށް ވި ނަމަވެސް ބައެއް ޒުވާނުންނަށް ދިވެހި ރާއްޖޭގައި ނޫޅެވޭ ދަރަޖައިގެ ވިސްނުންތައް ދިވެހި މުޖުތަމައުގައި އަށަގެންފައިވާ ކަމަށެވެ. ތަފާތު ވިސްނުންތަކުގެ ޒުވާނުން އުޅޭ އިރު އެއް ބަޔަކީ ލަވަ އަޑުއަހައި ޑިސްކޯ އަށް ގޮސް ނަށާލަން ވެސް ބޭނުންވާ ޒުވާނުން ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި، ބުރަ މަސައްކަތުން ދިރިއުޅުން އާރާސްތުކޮށް އެހެން މީހުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ޒުވާނުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ހިތާމައަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ޒުވާނުންނަށް ރާއްޖޭގައި ނޫޅެވޭ ދަރަޖަ އަށް ކަންކަން ގޯސްވެފައިވުމެވެ.
"އޭނާ މަގުމައްޗަށް ނުކުންނަ ކޮންމެ ފަހަރަކު އޭނާއާ ފޮށި ހަދާ މީހުން ގިނަވެއްޖެ. އޭނާއަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުގެ މީހެއް ނޫން ކަމަށް ދެއްކުމަށް މަސައްކަތް ކުރާ މިހުން ގިނަވެ، އޭނާއާ ފޮށި ފުރައްސާރަކުރާ މީހުންނަށް ހިތްވަރާއި ވާގި ލިބެން ފަށައިފި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި އުޅެން ދަތިވެފައިވާ ޒުވާނުންގެ ތެރޭގައި މަސައްކަތްތެރި ޒުވާނުން ގިނަ ކަމަށެވެ. އެއީ، ގައުމާއި މުޖުތަމައުގެ ބޮޑު ހިއްސާއެއް ކަމަށް ވާއިރު އެ މީހުން ބާކީކޮށްގެން ބިނާކުރެވޭނެ ރާއްޖެއެއް ނެތް ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން، އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލާއިރު، އެކަންކަމަށް އެ ޕާޓީން ވިސްނުން ގެންގުޅެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކުވެރިކަމާއި އަމާންކަމާއި އުފާވެރި ދިރިއުޅުމަކީ މެނިފެސްޓޯގެ އެއް އަމާޒު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ބުރުގާ އެޅި ކުދިންނަށް ވެސް އަދި ބުރުގާ ނާޅާ ކުދިންނަށް ވެސް އުފަލާއި ރައްކާތެރިކަމާ އެކުގައި އުޅެވޭނޭ ރާއްޖެއެއް ހޯދުން. މަޖާކުރުމާއި މުނިފޫހިފިލުވުމާއި އުފަލުގައި އުޅުމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި މަސައްކަތަކަށް ވެގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އުފާވެރި ދިރިއުޅުމެއްގެ އުއްމީދުގައި ދައްކާ ކޮންމެ ވާހަކައަކީ ލާދީނީ ވާހަކައެއްގެ ގޮތުގައި މަރުކާ ޖެހިދާނެ ކަމުގެ ބިރުގައި ރާއްޖޭގެ ސިޔާސީ ލީޑަރުން ފަހަށް ޖެހިވަޑައިގެން ނުވާނެ އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ އާއިލާތަކަށް ވެސް އުފާވެރި ދިރިއުޅުމެއް ލިބެން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު އަދި ކަނޑައެއް ނޭޅެ އެވެ. އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވީ ނަމަވެސް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ފުރުސަތުތަކެއް އެމަނިކުފާނަށް ވަނީ ބަންދުވެފަ އެވެ.
އެ ހުކުމުގައި ހުންނެވުމަށް ފަހު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް ނަޝީދު ވަނީ އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިފަ އެވެ. ސިޔާސީ މަސައްކަތްޕުޅު މިހާރު ކުރައްވަމުން ގެންދަވަނީ، އެ ގައުމާއި އަވަށްޓެރި ސްރީ ލަންކާގަ އެވެ.