ރެއާލް މެޑްރިޑް ހަތަރު ވަނަ އަށް ވެއްޓިއްޖެ
ރެއާލް މެޑްރިޑް ހަތަރު ވަނަ އަށް ވެއްޓިއްޖެ

މެޑްރިޑް (އޭޕްރިލް 9) – ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް 1-1 އިން އެއްވަރުވުމުގެ ފައިދާ ނަގައި ވެލެންސިއާ އިން ތިން ވަނަ އަށް އެރިއިރު ރެއާލް މެޑްރިޑް ހަތަރު ވަނަ އަށް ވެއްޓިއްޖެ އެވެ.

އަނެއްކޮޅުން އެ މެޗުން އެއްވަރުވުމުން އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވެސް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. މި ނަތީޖާއާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 79 ޕޮއިންޓާ އެކު 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެތުލެޓިކޯ ދެ ވަނައިގައި އޮތީ 68 ޕޮއިންޓާ އެކު އެވެ.

ރޭ އެސްޕަންޔޯލް އަތުން 1-0 އިން މޮޅުވެ ވެލެންސިއާ އިން ތިން ވަނަ މަގާމަށް އެރީ 65 ޕޮއިންޓް ހަމަކޮށްގެންނެވެ. ރެއާލް މެޑްރިޑަށް ހަތަރަކަށް ސޮއްސާސިލިއިރު އެ ޓީމަށް ލިބިފައިވަނީ 64 ޕޮއިންޓެވެ.

ރެއާލް މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މެޑްރިޑް ޑާބީ މެޗުގައި ކުރި ހޯދީ ރެއާލުންނެވެ. މި ގޯލް 53 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑު އޭނާ ޖެހީ ގަރެތު ބޭލް ނެގި ހުރަހަކުންނެވެ. މިއީ އޭނާ ޖެހިޖެހިގެން އެ ޓީމަށް ލަނޑު ޖަހައިދިން 10 ވަނަ މެޗެވެ. އޭގެ ކުރިން މާކޯ އަސެންސިއޯ އާއި މާސެލޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

މެޑްރިޑުން ލަނޑު ޖެހިތާ ތިން މިނެޓު ފަހުން އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ ފްރާންސް ފޯވާޑް އެންޓޮއިން ގްރިޒްމަން އެވެ. އޭނާ އަށް ލަނޑު ޖަހަން މަގުފަހިކޮށްދިނީ ވިޓޯލޯ އެވެ.

ރެއާލް މެޑްރިޑުން އެޓޭކް ވަރުގަދަ ކުރަން ޖެހިފައި އޮއްވާ 64 ވަނަ މިނެޓުގައި އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ރޮނާލްޑޯ ބާލައި ކަރިމް ބެންޒެމާ އަރުވައިފަ އެވެ. ބެލެވޭ ގޮތުގައި މި ބަދަލު ގެނައީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ބުދަ ދުވަހުގެރޭ ޔުވެންޓަސްއާ ދެކޮޅަށް މެޑްރިޑް ކުޅޭ މެޗަށް އޭނާ ތާޒާކުރުމަށްޓަކަ އެވެ. ފުރަތަމަ ލެގުން މެޑްރިޑް ވަނީ ރޮނާލްޑޯގެ ދެ ލަނޑާ އެކު 3-0 އިން މޮޅުވެފަ އެވެ.

މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ މި މެޗުގައި މިއަށް ވުރެ ބޮޑު އެއްޗެއް ހާސިލްވުން އޭނާގެ ޓީމަށް ހައްގުކަމަށާއި އެކަން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.