އިންޑޮނީޝިއާގައި ސިފައިންނާއި ފުލުހުން ޕޯކެމޮން ގޭމް ކުޅުން މަނާކޮށްފި
އިންޑޮނީޝިއާގައި ސިފައިންނާއި ފުލުހުން ޕޯކެމޮން ގޭމް ކުޅުން މަނާކޮށްފި

ޖަކާޓާ (ޖުލައި 20) - އިންޑޮނީޝިއާގެ ފުލުހުން ޑިއުޓީގައި އުޅޭއިރު ޕޮކެމޮން ގޯ ގޭމް ކުޅުން މަނާކޮށްފި އެވެ. އަދި ސިފައިން ވެސް އެ ގޭމް ކުޅުން ވަރަށް އަވަހަށް މަނާ ކުރާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ ދިފާއީ ވަޒީރު ވިދާޅުވީ ޕޮކެމޮން ގޭމަކީ ސަލާމަތީ ގޮތުން ހުރި ނުރައްކަލެއް ކަމަށެވެ.

ދެ ހަފުތާ ކުރިން ޕޮކެމޮން ގޭމް ލޯންޗުކުރި ފަހުން ދުނިޔޭގައި އެ ގޭމްގެ މަގްބޫލްކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި އިންޑޮނީޝިއާގައި ވެސް ވަރަށް ގިނަ މީހުން ޕޮކެމޮން ގޭމް ކުޅެ އެވެ. ޕޮކެމޮން ގޭމުގެ ސަބަބުން އިންޑޮނީޝިއާގައި ޓްރެފިކް މައްސަލަތައް ބޮޑުވެ ކުށްކުރުން ވަނީ އިތުރުވެފަ އެވެ.

އިންޑޮނީޝިއާގައި ޕޮކެމޮން ގޯ ގޭމް ރަސްމީކޮށް ލޯންޗުކޮށްފައި ނުވި ނަމަވެސް އެ ގައުމުގެ ގިނަ މީހުން މި ގޭމް ކުޅެނީ ވަގަށް ޑައުންލޯޑްކޮށްގެންނެވެ. އަދި ޕޮކެމޮން ހިފުމަށް ގިނަ މީހުން ވަނީ މަގުތަކަށް ނުކުމެފަ އެވެ.

ދިފާއީ ވަޒީރު ރިއާމިޒާޑް ރިއާސުދޫ ވިދާޅުވީ ޕޮކެމޮން ގޭމް ބޭނުންކޮށްގެން ޖާސޫސް ވެސް ކުރެވިދާނެ ކަމަށެވެ.

އަސްކަރީ ތަރުޖަމާން ޓަންޓަން ސުލައިމާން ވިދާޅުވީ ސަލާމަތީ ގޮތުން ވަރުގަދަ ސައިޓްތަކުގެ ރައްކާތެރިކަން ގާއިމްކުރުމަށް ރަސްމީ ގަޑިތަކުގައި ސިފައިންގެ އެއްވެސް މީހަކަށް ޕޮކެމޮން ގޭމް ކުޅުން މަނާކުރުމުގެ އަމުރެއް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

އިންޑޮނީޝިއާގެ ސަލާމަތީ ފަރާތްތަކުން ޕޮކެމޮން ގޭމް ކުޅުން މަނާކުރާ އިރު މިދިޔަ ހަފުތާގައި ވަނީ ޕޮކެމޮން ގޭމް ކުޅެމުން ދިޔަ ފްރާންސް މީހަކު ޖަވާ އައިލެންޑުގެ އަސްކަރީ މަރުކަޒަކަށް އޮޅިގެން ވަދެފަ އެވެ. އެ މީހާ ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

އިންޑޮނީޝިއާ ފުލުހުންގެ ތަރުޖަމާން ރަފްލީ އަމަރު ވިދާޅުވީ ޕޮކެމޮން ގޯ ގޭމަށް ފުލުހުން ދެވިހިފައިފާނެތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.