ގަދަ ހަތަރެއްގެ ފުރުސަތު ޗެލްސީ އަށް ކުޑަވެއްޖެ
ގަދަ ހަތަރެއްގެ ފުރުސަތު ޗެލްސީ އަށް ކުޑަވެއްޖެ

ލަންޑަން (އޭޕްރީލް 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 1-1 އިން އެއްވަރުވެ ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ޗެލްސީ އަށް ކުޑަވެއްޖެ އެވެ.

ލީގުގައި ބާކީ ޗެލްސީ އަށް ހަ މެޗު އޮތްއިރު، އެ ޓީމު މި ވަގުތު އޮތީ 32 މެޗުން ހޯދި 57 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީއާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް 67 ޕޮއިންޓް ލިބިފައިވާއިރު، ގަދަ ހަތަރެއް ޔަގީންކުރަން މި ދެ ޓީމަށް ދެން ބޭނުންވަނީ ތިން މޮޅެވެ.

ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ފުރަތަމަ ހާފުގައި ސްޕެއިނުގެ ޑިފެންޑަރު ސެސާ އަޒްޕިލިކުއެޓާ އެވެ. މި ހާފުގައި ޗެލްސީ އަށް ލަނޑު ޖަހާން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އޭގެ ތެރޭގައި އަލްވާރޯ މޮރާޓާ އާއި ވިލިއަން އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ދެ ވަނަ ހާފުގައި ވެސްޓް ހޭމް އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި މެކްސިކޯގެ ފޯވާޑް ހަވިއޭ ހެނާންޑޭޒް އެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މި މެޗުގައި ތަކުރާރުވީ މުޅި ސީޒަނުގައި ވެސް އެ ޓީމުގެ ފަރާތުން ފެންނަމުން އަންނަ މައްސަލަ އެވެ.

"ފުރުސަތު ލިބި ލަނޑު ނުޖެހި މުޅި ސީޒަން މިދަނީ. މި މެޗުގައި މި ފެނިގެންދިޔައީ މުޅި އަހަރު ވެސް ޖެހޭ މައްސަލަ. މިކަމަށް ހައްލެއް ލިބިގެންނޫނީ ކަމެއް ރަނގަޅެއް ނުކުރެވޭނެ،" ކޮންޓޭ ބުންޏެވެ.

ރޭ އާސެނަލް ކުޅުނު މެޗުން ވަނީ 3-2 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. ޝޭން ލޯންގްގެ ލަނޑުން ސައުތެމްޓަން ލީޑުނަގާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ޕިއޭ އެމެރިކް އޮބާމަޔަން އާއި ޑެނީ ވެލްބެކް އެވެ. ދެ ވަަނަ ހާފުގައި ސައުތެމްޓަނަށް އެއްވަރުކޮށްދިނީ ޗާލީ އޮސްޓިން އެވެ. އާސެނަލް މޮޅުކޮށްދިން ލަނޑު ޖެހީ ވެލްބެކް އެވެ.

ކުޅުނު 32 މެޗުން ލިބުނު 54 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ ހަ ވަނައިގަ އެވެ.