09 އެޕްރީލް 2018 - 00:14

ނަސަންދުރައިގެ މައްސަލައިގައި ދައުލަތަށް ދައްކަންޖެހޭ ފައިސާތަކެއް ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސީދާ ފޮނުއްވުމުން އެކަމަށް ޖަވާބުދެއްވާނެ ކަމަށް އެމަނިކުފާނުގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
އެ ހޮޓެލް ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް ދިން މައްސަލާގައި ހަތް ދުވަސް ތެރޭގައި ދައުލަތަށް 74 މިލިއަން ރުފިޔާ ދެއްކުމަށް ފިނޭންސް އިން ވަނީ މިިދިޔަ މަހުގެ 29 ވަނަ ދުވަހު އަދީބަށް އަންގައިފަ އެވެ.
އެމަނިކުފާނަށް ފިނޭންސް މިނިސްޓްރީން އެގޮތަށް އެންގީ، އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މުއްދަތު އިތުރުކުރުމުގެ ފީ ނެގުމެއް ނެތި، ނަސަންދުރަ ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް 50 އަހަރަށް ދޫކުރި މައްސަލައިގަ އެވެ. އޭގެ ކުރިން ނަސަންދުރަ ހިންގަން ހަވާލުކޮށްފައި އޮތީ ގެލެކްސީ އެންޓަޕްރައިސަސްއާ އެވެ. އެކަމަކު އެންޕީއެޗް އިންވެސްޓްމަންޓުން އޮތީ އެތަނުގެ ލީޒް ހޯލްޑް ރައިޓްސް ގަނެފަ އެވެ.
އަދީބުގެ ވަކީލް މަހުފޫޒު ސައީދު ސޮއިކުރައްވައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ސަރުކާރަށް ފައިސާތަކެއް ދައްކަންޖެހޭ ކަމަށް އަންގައި ފިނޭންސް އިން ހ. ސާމަރާ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދަވާތީ އެމަނިކުފާނަށް އެ ސިޓީ ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ވަކީލުގެ ސިޓީގައި ބުނެފައިވާ ގޮތުގައި ހުކުމް ތަންފީޒުކުރާ މީހުންނަށް ސިޓީ ފޮނުވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެޑްރެސްކޮށެވެ. އެހެންވެ އެ ގަވާއިދުގެ ދަށުން ސިޓީ ފޮނުވުމުން އަދީބު ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ވީމާ ހަވާލާ ދެވުނު ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން އަޅުގަނޑުގެ މުވައްކިލަށް ސިޓީ ރައްދު ކޮށްދެއްވުމުން އަޅުގަނޑުގެ މުވައްކިލް އެ ސިޓީއަށް ޖަވާބު އަރުވާނެ ވާހަކަ ދަންނަވަމެވެ. އަދި ގަވާއިދާ އެއްގޮތަށް އެ ސިޓީ އަޅުގަނޑުގެ މުވައްކިލަށް ލިބުމުން މެނުވީ އެ ސޓީ އަޅުގަނޑުގެ މުވައްކިލަށް ރައްދުކުރެވިފައިވާ ކަމަށް ގާނޫނީ ގޮތުން ބެލެން ނޯންނާނެ ކަން ވެސް މަނިކުފާނުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ވަކީލުގެ ސިޓީގައި ވެ އެވެ.