09 އެޕްރީލް 2018 - 07:06

އެޕަލް ގަޑީގައި ބޭނުންކުރާ ހާޓް ރޭޓް މޮނީޓާ މައްސަލާގައި، އެޕަލްއާ ދެކޮޅަށް ދައުވާކުރަން ކުންފުންޏަކުން ތައްޔާރުވެއްޖެ އެވެ. އެޕަލްއާ ދެކޮޅަށް ދައުވާކުރަނީ "އޮމްނި މެޑްސްކީ" ކިޔާ ކުންފުންޏަކުންނެވެ.
އޮމްނި މެޑްސްކީ ބުނި ގޮތުގައި، އެޕަލް ގަޑިތަކުގައި ބޭނުންކުރާ ހާޓް ރޭޓް މޮނީޓާ އަކީ އެ ކުންފުނީގެ މަސްލަހަތު އޮތް ޓެކްނޮލޮޖީއެކެވެ. އެޕަލްއިން އެ ޓެކްނޮލޮޖީ ބޭނުންހިފަނީ އޮމްނި މެޑްސްކީ އަށް އެނގުމެއް ނެތި އަދި އެއްވެސް މާނައެއްގައި އެއްވެސް ބަދަލެއް ނުދީ ކަމަށް ވެސް ބުންޏެވެ.
އެޕަލް ގަޑިތައް އުފައްދަން ފެށުމުގެ ކުރިން، ދެ ކުންފުނި ގުޅިގެން އެ ޓެކްނޮލޮޖީ ބޭނުންހިފިދާނެ ގޮތަކާ މެދު މަޝްވަރާކޮށް، ވާހަކަދެކެވުނު ކަމަށް އޮމްނި މެޑްސްކީ ބުނެ އެވެ. އެހެން ނަމަވެސް އަމަލީ ސިފަ ޖެއްސުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރަން އެޕަލް ބޭނުމެއް ނުވި ކަމަށް ވެސް މެޑްސްކީ ބުނެ އެވެ.
އޮމްނި މެޑްސްކީ ދެކޭ ގޮތުގައި އެޕަލް ވަނީ އެ މީހުންގެ ފިކުރީ މުދަލުން ވައްކަންކޮށްފަ އެވެ. އެހެންވެ، ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް އެޕަލް ގޮވައިގެން ކޯޓަށް ދާން ވަނީ ނިންމައިފަ އެވެ.
އެޕަލް ގަޑީގައި ބޭނުންކުރާ ހާޓް ރޭޓް މޮނީޓާ އަކީ ކޮން ބައެއްގެ ޓެކްނޮލޮޖީއެއްކަން އެޕަލް ނުބުނެ އެވެ. އެއީ އެޕަލްގެ އަމިއްލަ ނުވަތަ އޭގައި އެހެން ބައެއްގެ މަސްލަހަތު އޮތްކަން ވެސް ނުބުނެ އެވެ. ހާޓް ރޭޓް ޓެކްނޮލޮޖީއާ ގުޅޭ މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް، އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައި ހުރި ޑިވައިސްތައް ވިއްކުން ހުއްޓުވުމަށް އޮމްނި މެޑްސްކީ ހުށަހަލާފައި ނުވާ ކަމަށް ވެ އެވެ.
ހާޓް ރޭޓް މޮނީޓަރާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅަން އުޅޭކަން އެޕަލް އަށް ވެސް ވަނީ އެނގިފަ އެވެ. އެހެން ނަމަވެސް ކުރި އަށް ހުރި މޮޑެލްތައް އުފެއްދުމަށްޓަކައި ކުރަން ހުރި އެއްވެސް މަސައްކަތެއް އެޕަލް ހުއްޓައެއް ނުލަ އެވެ.