08 އެޕްރީލް 2018 - 20:22

ހައްޔަރުކޮށްފައި ތިބޭ މީހުންގެ ތެރެއިން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާ ބައްދަލުކުރުމަށް އެ މީހުންގެ އާއިލާގެ މީހުންނަށް ޖަލަށް ޒިޔާރަތް ކުރެވޭނީ މަހަކު އެއް ފަހަރު ކަމަށް ކަރެކްޝަންސް އިން އަންގައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ޖަލުގައި ހުންނެވި އޭނާގެ ފިރިކަލުން މުހައްމަދު ނަދީމާ މީގެ ފަހުން ބައްދަލުކުރެވޭނީ މަހަކު އެއް ފަހަރު ކަމަށް އޭނާގެ އާއިލާ އަށް އަންގާފައިވާ ކަމަށެވެ.
ނަދީމްގެ އިތުރުން، ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި އެހެން ބައެއް ބޭފުޅުންނަށް ވެސް އާއިލީ ބައްދަލުވުންތައް ދޭނީ މަހަކު އެއް ފަހަރު ކަމަށް އެންގިކަމަށް ވެ އެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރެކްޝަންސް އިން އެ ގޮތަށް ކަނޑައެޅުމުން ނަދީމާ ދެން ބައްދަލުކުރެވޭނީ އަންނަ މަހު ކަމަށެވެ. އަދި އޭނާއާ މެދު އެގޮތަށް ކަންތައް ކުރަނީ ކީއްވެގެންތޯ ޔުމްނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.
"ނަދީމާ ބައްދަލުކުރެވޭނެ ކަމަށް ވަރަށް އުއްމީދުކޮށްގެން ހުރީ. އަހަރެންގެ އަންހެން ދަަރިފުޅު ކައިރީގައި ދެން ބުނާނީ ކީކޭ؟" ޔުމްނާގެ ޓްވީޓުގައިވެ އެވެ.
"ރަނގަޅު ފިރިއަކާއި، ބައްޕައަކާއި ދަނބިދަރިއަކާއި ފިރިއަކަށް ވުން ފިޔަވައި އިތުރު ކަމެއް ނަދީމް ނުކުރޭ،"
ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ލިބޭ އިނާޔާތުގެ ގަވާއިދުގައިި ވާ ގޮތުން މަދުވެގެން މަހަކު އެއް ފަހަރު އާއިލީ ބައްދަލުވުންތައް ދޭން ޖެހޭނެ އެވެ.
މީގެ ކުރިން ހަފުތާއަކު އެއް ފަހަރު ނަދީމާ ބައްދަލުކުރުމުގެ ފުރުސަތު އާއިލާ އަށް ދިނެވެ. ނަމަވެސް އެ ބަދުލު ގެނައި ކީއްވެގެން ކަމެއް ނޭނގެ އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފި ކަމަށް ސަރުކާރުން ތުހުމަތު ކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.