ކޮއްކޮ ދެކެ ލޯބިވާކަން ދެއްކީ ތަފާތު ގޮތަކަށް
ކޮއްކޮ ދެކެ ލޯބިވާކަން ދެއްކީ ތަފާތު ގޮތަކަށް

އެމެރިކާގެ މިސިސިޕީގައި ދިރިއުޅޭ އެލަނާ މެކްމުލެން، 17، އާއި އޭނާގެ ބޭބެ، އީތަން މެކްމުލެން، 19، އަކީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ހިއްސާ ބޮޑު ދެ މީހުންނެވެ. އެކަމަށް އެންމެ ބޮޑަށް ހެކިދެނީ އެލަނާ އަށް ކުއްލިއަކަށް ކުރިމަތިވި ބޮޑު ސިއްހީ މައްސަލައަކާ އެކުގަ އެވެ.

ސިއްހީ އެއްވެސް މައްސަލައެއް ކުރިން ނެތި، ހަމަ އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ އެލަނާގެ ހަޔާތަށް ބޮޑު ތޫފާނެއް އައީ އޭނާގެ ސިކުނޑީގައި ޓިއުމަރެއް ހުރިކަން އެނގުމާ އެކުގަ އެވެ. އޭނާ ކިޔައިދިން ގޮތުގައި ސިކުނޑީގައި ދެ އިންޗީގެ ޓިއުމަރެއް އިންކަން އެނގުނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

"އެއް ދުވަހަކު ކުޅެން ދަނިކޮށް ވާތްފަރާތު ކަންފަތުގައި ރިއްސާފައި އެއްގޮތަކަށް ވެސް އަޑު ނީވޭ ގޮތްވީ. ދެން ވަރަށް ގިނަ ޓެސްޓްތަކެއް ހެދި ފަހުން އެނގުނީ ސިކުނޑީގައި ޓިއުމަރެއް ހުރިކަން،" އޭނާ ބުންޏެވެ.

އެލަނާ ކިޔައިދިން ގޮތުގައި ސިކުނޑީގައި ޓިއުމަރެއް ހުރިކަން އެނގުމުން ހިތް ހަލާކުވި އެވެ. އެކަމަކު އެންމެ ބޮޑު ހިތްވަރެއް ދިނީ ބޭބެ އީތަން އެވެ.

ކޮއްކޮގެ ބައްޔާ ބެހޭ ގޮތުން އީތަން ބުނީ އެ ވާހަކަ ކިޔައިދޭން މަންމަ އާއި އެލަނާ އޭނާގެ ގާތަށް ދިޔަ އިރު، އެލަނާ ހުރީ އެއްވެސް ކަމެއް ދިމާވިހެން ހީ ވެސް ނުވާ ކަހަލަ ގޮތަކަށް ކަމަށެވެ.

"އެކަމަކު ކޮއްކޮގެ ސިކުނޑީގައި ޓިއުމަރެއް ހުރި ވާހަކަ ބުނީމަ ވަރަށް ދެރަވި. ފެންކަޅިވި. އެކަމަކު ވެސް އަހަރެމެން ހިތްވަރު ބައްޔެއް ނުކުރަން،" އީތަން ބުންޏެވެ.

ކާމިޔާބު އޮޕަރޭޝަނަކަށް ފަހު، އެލަނާގެ ސިކުނޑީގައި އިން ޓިއުމަރު ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ނަގައިފަ އެވެ. އެކަމަކު އަދިވެސް އޭނާ އޮތީ ހޮސްޕިޓަލްގަ އެވެ. އޮޕަރޭޝަން ކުރަން، އެލަނާގެ ބޮލުގެ ފުރަގަހުން ކަފައިލަން ޖެހުނެވެ. ފެހި ތަން ވަރަށް ރީތިކޮށް ހުރީ ފެންނާށެވެ.

އީތަން ކުރި ކަމަކީ ކޮއްކޮއާ އެކު އޭނާ ހުރިކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެލަނާގެ އޮޕަރޭޝަނުގެ ލަކުނު ހުރި ބައްޓަމަށް އޭނާގެ ބޯ ވެސް ކޮށައިލުމެވެ.

"ބޯ ކޮށާލާފައި އަހަރެން ފޮޓޯއެއް ނަގާފައި ފޯނުން ފޮނުވާލީ. ސާބިތުކޮށްދޭން ބޭނުންވީ ކޮއްކޮއާ އެކު އަހަރެން އަބަދު ވެސް ވާކަން،" އީތަން ބުންޏެވެ. "އޭނާ އަށް ދިމާވާ ކޮންމެ ކަމެއްގައި އަހަރެން ހިއްސާވާނެކަން އަންގައި ދިނުން."

ފަހުން އީތަން ވަނީ އެލަނާއާ އެކު ވެސް ފޮޓޯއެއް ނަގައި ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

"އަހަރަންގެ ބޮލުގައި ހުރި ލަކުނު ފެނުނީ ވެސް ބޭބެ ފޮޓޯ ފޮނުވީމަ. އަހަރެން ވަރަށް އުފާވޭ މި ދަނޑިވަޅުގައި ބޭބެ އެންމެ ގާތުގައި އަހަންނާ އެކު ވާތީ،" އެލަނާ ބުންޏެވެ.

އޭނާ ކިޔައި ދިން ގޮތުގައި ހުރިހާ ވެސް ހިތްވަރަކީ ލޯބިވާ ބޭބެ އެވެ.

"އޭނަ ނެތް ނަމަ މި ބައްޔާ އެކު، އަހަރެން ހިތް ފަޅައިގެން ގޮސް މަރުވީސް،" ހޮސްޕިޓަލްގައި އޮވެ އެލަނާ ބުންޏެވެ. "އަހަރެންގެ މޫނު މައްޗަށް އަބަދު ވެސް އުފާވެރިކަން ގެނުވައި ދެނީ ބޭބެ. އަހަރެން ވަރަށް ލޯބިވޭ ބޭބެ ދެކެ."