08 އެޕްރީލް 2018 - 15:33

ގާޒާ (އެޕްރީލް 8) - ގާޒާ ބޯޑަރު ކައިރީ ހުކުރު ދުވަހު ކުރި އިހްތިޖާޖް ކަވަރު ކުރުމުގައި އުޅުނު ފަލަސްތީނުގެ ނޫސްވެރިޔާ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލި މައްސަލަ ބަލާނެ ކަމަށް އިޒްރޭލް ސިފައިން ބުނެފި އެވެ.
ގާޒާގެ ނިއުސް އެޖެންސީއެއްގައި މަސައްކަތް ކުރާ ފޮޓޯގްރާފަރު ޔާސިރު މުރްތަޖާ އަށް ބަޑިން ހަމަލާ ދިނީ ނޫސްވެރިއެއްކަން އަންގައިދިނުމަށް ޖެކެޓް ވެސް އަޅައިގެން ހުއްޓަ އެވެ. އޭނާ ޝަހީދުވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.
އިޒްރޭލް ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
"އައިޑީއެފް (އިޒްރޭލީ ޑިފެންސް ފޯސް) އިން ގަސްދުގައި ނޫސްވެރިންނަށް ހަމަލާއެއް ނުދޭނެ. ފަލަސްތީނުގެ ނޫސްވެރިއަކަށް ހަމަލާ ދިން ކަމުގެ މައުލޫމާތު ލިބިފައި ވަނީ. އަދި އެ މައްސަލަ ބަލަމުން ދަނީ،" އިޒްރޭލް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މުރްތަޖާގެ ޖަނާޒާގައި އިއްޔެ ވަނީ އެތައް ހާސް ބަޔަކު ބައިވެރިވެފަ އެވެ.
އުމުރުން 30 އަހަރުގެ މުރްތަޖާ އަކީ މިދިޔަ ހުކުރު ދުވަހުގެ އިހްތިޖާޖުގައި ޝަހީދުވި ނުވަ ވަނަ މީހާ އެވެ. ގާޒާގެ 40 މޭލުގެ ދިގު ބޯޑަރުގެ ފަސް ސަރަހައްދަކަށް މިދިޔަ ހުކުރުގައި ވެސް މީހުން ޖަމާވި އެވެ. އޭގެ ކުރީ ހުކުރުގައި އިހްތިޖާޖް ކުރި މީހުންނަށް ހަމަލާދީ ވަނީ 17 މީހުން ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްޑޯ ލިބާމަން ވަނީ ގާޒާގެ ބޯޑަރަށް ކައިރިވާ ފަލަސްތީނުގެ ކޮންމެ މީހެއްގެ ފުރާނަ އަށް ނުރައްކާކުރާނެ ކަމަށް ވިދާޅުވެ އިންޒާރު ދީފަ އެވެ. އަދި އިހްތިޖާޖްކުރާ މީހުންނަށް އިޒްރޭލް ސިފައިން ދޭ ހަމަލާތައް ތަހްގީގު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ އިހްތިޖާޖް އަންނަ މަހު 15 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.