ޓްރަމްޕް ޓަވަރުގައި ރޯވި އަލިފާނުގައި މީހަކު މަރުވެއްޖެ
ޓްރަމްޕް ޓަވަރުގައި ރޯވި އަލިފާނުގައި މީހަކު މަރުވެއްޖެ

ނިއު ޔޯކް (އެޕްރީލް 8) - އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު މަރުވެ އަލިފާން ނިއްވުމުގައި އުޅުނު ހަތަރު މީހުން ޒަޚަމްވެއްޖެ އެވެ.

އަލިފާން ނިއްވުމުގައި އުޅުނު އޮފިޝަލުން ބުނެފައި ވަނީ މަރުވެފައި ވަނީ އެ އިމާރާތުގައި އުޅުނު ފިރިހެނެއް ކަމަށެވެ. އަދި އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިރިއުޅުއްވާ ބަޔަކާއި އެމަނިކުފާނުގެ އޮފީހެއް ވެސް ޓްރަމްޕް ޓަވަރުގައި ހުރެ އެވެ. ނަމަވެސް ޓްރަމްޕާއި އާއިލާ މިހާރު ދިރިއުޅުއްވަނީ ވޮޝިންޓަނުގަ އެވެ.

އަލިފާން ރޯވެފައި ވަނީ ޓަވަރުގެ 50 ވަނަ ބުރީގަ އެވެ. އެ ފްލޯގައި ހުންނަނީ އެޕާޓްމަންޓްތަކާއި އޮފީސްތަކެވެ. އަލިފާން ރޯވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ 45 މިނިޓް ފަހުން ޓްރަމްޕް ވަނީ އަލިފާން ނިއްވާލާފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ނިއު ޔޯކު ސިޓީގެ ފަޔާ ޑިޕާޓްމަންޓުން ބުނީ ޓަވަރުގެ 50 ވަނަ ބުރީގައި ރޯވި އަލިފާނުން އެޕާޓްމަންޓުންތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަލިފާން ނިއްވުމުގައި 200 މީހުން ހަރަކާތްތެރިވި އެވެ.