08 އެޕްރީލް 2018 - 12:34

ސައޮ ޕޯލޯ (އެޕްރީލް 8) - ކޮރަޕްޝަނުގެ ކުށް ސާބިތުވުމުން ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ޑަ ސިލްވާގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރުމަށް ފުލުހުންނާ ރޭ ހަވާލުވެއްޖެ އެވެ.
ލޫލާގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒް ކުރަން ޖެހުނީ އެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން އޭނާ ޖަލަށް ނުލާ ބެހެއްޓުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ލޫލާއާ ދެކޮޅަށް ނިންމުމާ ގުޅިގެންނެވެ. ފުލުހުންނަށް ލޫލާ އަމާން ދެއްވާފައި މި ވަނީ ހުކުމަށް ފަހު ދެ ދުވަސްވަންދެން ސްޓީލް ވޯކާސް ޔޫނިއަން އިމާރާތުގައި ހުންނެވުމަށް ފަހު އެވެ. ލޫލާގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އިމާރާތުގެ ބޭރަށް ޖަމާވެފަ އެވެ. އަދި ލޫލާ ހައްޔަރު ކުރަން ފުލުހުން އެ އިމާރާތަށް ވަނުމަށް ފުރުސަތު ނުދޭނެ ކަމަށް ސަޕޯޓަރުން ދިޔައީ ބުނަމުންނެވެ.
އުމުރުން 72 އަހަރުގެ ލޫލާ އިމާރާތުން ނުކުމެވަޑައިގަތުމާ އެކު ވަނީ ފުލުހުންގެ ކާރަކަށް އަރުވައިގެން ގެންގޮސްފަ އެވެ. ލޫލާގެ ސަޕޯޓަރުން ވަނީ އެ ކާރަށް ވެސް ހުރަސް އަޅައިފަ އެވެ. ފުލުހުން ފަހުން ވަނީ ދެކުނުގެ ކުރިތިބާ އަށް ހެލިކޮޕްޓަރުގައި ލޫލާ ގެންގޮސްފަ އެވެ. އޭނާގެ ޖަލު ހުކުމް ތަންފީޒު ކުރާނީ އެ ސިޓީގަ އެވެ.
ލޫލާ ތަކްރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ކުށެއް ނުކުރައްވާ ކަމަށެވެ. އަދި ފުލުހުންނާ ހަވާލުވީ ކޯޓު އަމުރަށް ތަބާވުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
ލޫލާ އިއްޔެ ވަނީ 55 މިނިޓުގެ ތަގްރީރެއް ދެއްވައިފަ އެވެ.
"ކޯޓު އަމުރަށް އަޅުގަނޑު ތަބާވާނަން. އަޅުގަނޑަކީ ގާނޫނުގެ މަތީގައި ހުންނަ މީހެއް ނޫން. އަޅުގަނޑު ގާނޫނު ގަބޫލް ނުކުރާ ނަމަ ސިޔާސީ ޕާޓީ ހިންގާކަށް ނޫޅޭނެ. އަޅުގަނޑު އުޅޭނީ ބަޣާވާތް ކުރަން،" ލޫލާ ވިދާޅުވި އެވެ.
ލޫލާ ވިދާޅުވީ ސިޔާސީ މިކަންތައްގަނޑުން ސަލާމްވެ ކުރިއަށް ވުރެ މާވަރުގަދަކޮށް އަދި އަންނާނެ ކަމަށެވެ.
ލޫލާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލަގަނޑެއްގައި ރިޝްވަތުގެ ގޮތުގައި އެޕާޓްމަންޓެއް ދިން ކަމަށް ބުނާ މައްސަލަ އެވެ. ލޫލާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ އޮކްޓޯބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައި ވަނިކޮށެވެ. ބްރެޒިލްގައި 2003-2011 އަށް ރައީސްކަން ކުރެއްވި ލޫލާގެ މަގްބޫލްކަން މިހާރު ވަނީ ބޮޑުވެފަ އެވެ. އަދި އިންތިޚާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެކަމަކު ޖަލަށް ވަޑައިގަންނަވަން ޖެހުމުން ވެރިކަމުގެ އުއްމީދުތަކަށް ވަނީ ހުރަސް އެޅިފަ އެވެ.