ދޮރުފާރަވެރިޔަކަށް ރަނގަބީލެއް
ދޮރުފާރަވެރިޔަކަށް ރަނގަބީލެއް

ގެ އާއި ގޯތިތެރޭގައި ހުންނަ އެއްޗެހި ވަގަށް ގެންދަނީ ރަނގަޅަށް ނުބެލެއްޓޭތީ އެވެ. އެކަމަކު ރެއާއި ދުވާލު 24 ގަޑިއިރު ފޯރިއަކަށް ވެސް ނުހުރެވޭނެތާ އެވެ. ނެސްޓް ބްރޭންޑުގެ ހެލޯ ވީޑިއޯ ޑޯބެލްއަކީ މިކަމުގެ ހައްލަކަށް ވެދާނެ އެވެ.

މީގެ ވީޑިއޯ އިން، ދޮރުމަތީ ހުންނަ މީހަކު ވަރަށް ސާފުކޮށް ދެނެގަނެވޭނެ އެވެ.

މީގެ ރަނގަބީލު ހަރުކޮށްފައިވާ ނަމަ ގޭގެ ދޮރުމައްޗަށް އަރާ މީހާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ފެންނާނެއެވެ. ކުލަ ރީތިވެފައި ސާފުކަމުން ކާކުކަން ރަގަޅަށް ދެނެގަނެވޭނެއެވެ. ދުވާލަކަސް ރޭގަނޑަކަސް މަންޒަރުގެ ސާފުކަމަކަށް ބަދަލެއް ނާދެއެވެ.

މިއިން، ގެއަށް އައީ ކާކުކަން ދެނެގަތުމުގެ އިތުރުން ވަގުތުން ޖަވާބު ވެސް ދެވޭނެއެވެ. ޖަވާބު ދެވޭ ފަދަ ހާލަތެއްގައި ނެތް ނަމަ މީގެ އެޕްގެ އެހީގައި ވަކި މެސެޖެއް އިއްވާލަންވީއެވެ.

މީގެ ކެމެރާއަކީ 24 ގަޑިއިރު ފާރަވެރިވާ ގޮތަށް ފަރުމާކޮށްފައިވާ ކެމެރާއެކެވެ. ފާއިތުވި ތިން ގަޑިއިރުގެ ހުރިހާ މަންޒަރެއް އަލުން ބަލައިލަން ބޭނުމިއްޔާ، އޭގައި ރައްކާކޮށްފައި ހުންނާނެ އެވެ. މި ކެމެރާއަށް އަރާ ހުރިހާ މަންޒަރުތަކެއްގެ ރިކޯޑިންގް މަހެއްހާ ދުވަސްވަންދެން ރައްކާކޮށްފައި ހުރެއެވެ.

ނެސްޓް ހެލޯގެ އެންމެ ހާއްސަ އެއް ސިފައަކީ އާއިލާ އާއި ރަހުމަތްތެރިން ދެނެގަނެވޭކަމެވެ. އެއީ ނެސްޓް އެވެއާގައި މޫނުގެ ސޫރަ ރަޖިސްޓްރީކޮށްގެން ބައެއް ގައުމުތަކުގައި ލިބެން ހުންނަ ޚިދުމަތެކެވެ. އެމެރިކާގެ ވެސް ހުރިހާ ސްޓޭޓެއްގައި މި ޚިދުމަތެއް ނުލިބެއެވެ. އެކަމަކު ރަނގަބީލު ޖެހިޔަސް ނުޖެހިޔަސް ދޮރުމައްޗަށް މީހަކު އެރިކަން މީގެ ސެންސަރުތަކުން ވެރިޔާއަށް އަންގައިދޭނެއެވެ. ކިތަންމެ ސިއްރުން އުޅުނަސް ފާޅުގައި އުޅުނަސް އައި މީހަކު އައި އިރަކާއި އައި އިރު ހުރި ގޮތަކާއި ލައިގެން ހުރި ހެދުމުގެ ކުލައަށް ދާންދެން ފެންނަން ހުންނާނެއެވެ.