ސްޓްރޯކް ޖެހުނުވަރު ބަލަން ހާއްސަ ޑިވައިސް އެއް
ސްޓްރޯކް ޖެހުނުވަރު ބަލަން ހާއްސަ ޑިވައިސް އެއް

ބައްޔަކަށް ފަރުވާ ހޯދުން އަވަސްވެއްޖެ ނަމަ ބަލީގެ އުނދަގޫތައް ކުޑަކުރެވިދާނެ އެވެ. އެކަމަކު ބަލިބައްޔަށް ފަރުވާ ހޯދޭނީ ބަލިޖެހުނުކަން ޔަގީންކުރެވިގެންނެވެ.

ސްޓްރޯކެއް ޖެހުނުކަން މިހާރު ދެނެގަންނަނީ ހޮސްޕިޓަލްގެ އިމަޖެންސީ ކޮޓަރިތަކުގައި ބޭނުންކުރާ އެކި ހަތިޔާރުތަކުންނެވެ. މިއިން ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ހޯދައިދެވުނަސް 90 ޕަސެންޓުގެ ކަށަވަރުކަމެއް ނުލިބެއެވެ. ސެރެބްރޯޓެކް ވައިޒަ އަކީ މި ޔަގީންކަން 92 ޕަސެންޓަށް އިތުރުކޮށްދޭ ވަސީލަތެކެވެ.

އެމެރިކާގެ ކެލިފޯނިއާގައި ގާއިމުކޮށްފައިވާ ކުންފުންޏެއްކަމަށްވާ ސެރެބްރޯޓެކް މެޑިކަލް ސިސްޓަމްސްގައި މި ވަސީލަތް ތަރައްގީކުރާތާ އަހަރުތަކެއްވެއްޖެއެވެ. ސެރެބްރޯޓެކް ވައިޒަ އިން ސްޓްރޯކްގެ ސީރިއަސްކަން ދެނެގަންނަނީ ސިކުނޑީގެ ކަނާތްފަރާތުން ވައަތްފަރާތަށް ފޮނުވައިދޭ ދަށް ފެންވަރުގެ ރޭޑިޔޯ ވޭވްތަކުގެ އެހީގައެވެ. މި ވޭވްގެ ފްރީކުއެންސީއަށް އަންނަ ބަދަލުތަކުން، ސްޓްރޯކް ޖެހުނު މިންވަރު ދެނެގަނެވެއެވެ.

އެމެރިކާގެ ސައުތު ކެރޮލައިނާގެ މެޑިކަލް ޔުނިވަސިޓީގައި ދާދިފަހުން ވަނީ، ސްޓްރޯކް ޖެހުނުކަމަށް ލަފާކުރެވޭ މީހުންގެ މެދުގައި މި ޑިވައިސް އިން ތަހުލީލުކޮށްފައެވެ. ކޮންމެ މީހެއްގެ ވެސް ރީޑިންގް ތިން ފަހަރަށް ނެގިއެވެ. އޭގެފަހުން ނިއުރޯއިމޭޖިންގެ އެހީގައި ބެލިބެލުމުން ސެރެބްރޯޓެކް ވައިޒަގެ ނިންމުންތައް 92 ޕަސެންޓް ސީދާ ކަމަށް ދެއްކިއެވެ.
ސެރެބްރޯޓެކް ވައިޒަ އަކީ މިހާރު އުފެއްދުމުގެ މަރުހަލާ ނިމި، ބޭނުންކުރުމުގެ ހުއްދައިގެ މަރުހަލާ ވެސް ނިމިފައިވާ އުފެއްދުމެކެވެ. ބާޒާރަށް ނުކުންނަން އަދި ދުވަސްކޮޅެއް ނަގާނެއެވެ.