ޗުއްޓީ ހަދަން ޖައްވަށް ދާން ތައްޔާރުވޭ
ޗުއްޓީ ހަދަން ޖައްވަށް ދާން ތައްޔާރުވޭ

ތަފާތު ކަންކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް މި ވާހަކަ ވަކިން ހާއްސަ އެވެ. ކަނޑުއަޑީގެ ފަސްތަރީގެ ހޮޓާތަކުގައި ކަނޑު އަޑީގެ ހިތްގައިމުކަން ތަޖުރިބާކޮށްލައި، ކައިބޮއި ހެދުމަށް ފަހު، ދެން އޮތީ ޖައްވަށް ޗުއްޓީ ހަދާލަން ދިއުމެވެ. އެކަން މިހާރު އޮތީ މާ ދުރަކު ނޫނެވެ.

ޗުއްޓީ ހަދަން ޖައްވަށް ދާން ތައްޔާރުވޭ
ޗުއްޓީ ހަދަން ޖައްވަށް ދާން ތައްޔާރުވޭ

ޖައްވުގައި ހަދާ ފުރަތަމަ ފުރަތަމަ ލަގްޒަރީ ހޮޓާ 2022 ގައި ހުޅުވާނެކަން މި މަޝްރޫއު ކުރިއަށް ގެންދާ ސިލިކޮން ވެލީ ސްޓާޓް-އަޕް، އޯރިއޯން ސްޕޭސް އިން ހުކުރު ދުވަހު ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި "އަރޯރާ ސްޓޭޝަން" ގެ ނަން ދީފައިވާ ފަސް ތަރީގެ ހޮޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ރަސްމީކޮށް ފަށާނެ އެވެ.

އެތަން ގާއިމުކުރަނީ ދުނިޔެ އަށް ވުރެ 200 މޭލު (321 ކިލޯމީޓަރު) ދުރުގަ އެވެ.

އެކަމަކު އަރޯރާ ސްޓޭޝަނަށް ދާން ވަރަށް ގިނަ ފައިސާ ބޭނުން ވާނެ އެވެ. އެހެންވެ އާދައިގެ މީހެއްގެ އަތްފޯރާ ފަށެއްގައި އަގުތައް ހުންނާނެ ކަމަށް އުންމީދުކޮށްގެން ނުވާނެ އެވެ. އެތަނުގެ ކޮޓަރިއެއް ރިޒާވްކޮށްލެވެނީ ވެސް 80،000 ޑޮލަރަށެވެ. އަދި 12 ދުވަހުގެ ހުރުމަކަށް ބޮލަކަށް 9.5 މިލިއަން ޑޮލަރު ޗާޖް ކުރާނެ އެވެ.

"އަރޯރާ ތަޖުރިބާކޮށްލަން ދާ މީހަކަށް އެސްޓްރޯނަޓަކާ ދާދި އެއް ކަހަލަ ތަޖުރިބާތަކެއްކޮށްލެވޭނެ. ހަމަ ޔަގީނުން ވެސް މިއީ ވަރަށް ތަފާތު ކަމަކަށް ވާނެ،" އޯރިއޯން ސްޕޭންގެ ސީއީއޯ ފްރޭންކް ބަންގާ އެންބީސީ އަށް ވިދާޅުވި އެވެ. "ޗުއްޓީއެއް ހަދާލަން އަރޯރާ އަށް މި ދެވޭނީ ވަރަށް ގިނަ ޓްރޭނިންތަކެއް ވެސް ފުރިހަމަ ކުރުމަށް ފަހު. މި ހޮޓަލުގައި ޗުއްޓީ ހަދާލަން ދާ މީހުންނަށް ލިބޭނެ އެންމެ ހާއްސަ އެއް ކަމަކީ ހޮޓަލުގައި ހުރެގެން ދުނިޔެ ޕްލެނެޓް އެއްކޮށް ބަލައިލަން ފުރުސަތު ލިބުން."

ފްރޭންކް ވިދާޅުވި ގޮތުގައި ދުނިޔޭގެ ފުރަތަމަ ޖައްވީ ހޮޓަލުގައި އެއްފަހަރާ ހިދުމަތް ދޭނީ ހަތަރު ކަސްޓަމަރުންނަށެވެ. އެކަމަކު ފޭސްތަކަކަށް ބަހާލައިގެން، ޕްރޮޖެކްޓް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާ ކުރަމުން ގެންދާނެ އެވެ.