08 އެޕްރީލް 2018 - 10:53

ރޯމް (އޭޕްރިލް 8) - ޕައޮލޯ ޑީބަލާގެ ހެޓްރިކާ އެކު ބެނެވެންޓޯ އަތުން 4-2 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި ލީޑު ފުޅާކުރިއިރު ކެޕްޓަން ޑެވިޑޭ އެސްޓޯރީ މަރުވުމުގެ ހިތާމައިގައި އޮތް ފިއޮރެންޓީނާ އިން ޖެހިޖެހިގެން ހަ ވަނަ މޮޅު ހޯދައި ކްލަބުގެ ރެކޯޑަކާ އެއްވަރުކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އޮތީ 81 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 74 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ނަޕޯލީ އެވެ. މިރޭ ކިއޭވޯ އަތުން މޮޅުވެގެން ނަޕޯލީ އަށް ލީޑު ކުޑަކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން މިދިޔަ ހަފުތާގައި ރެއާލް މެޑްރިޑް އަތުން ޔުވެންޓަސް ބަލިވި މެޗުގައި ރަތްކާޑު ދެއްކި ޑީބަލާ ވަނީ ރޭގެ މެޗުގެ 16 ވަނަ މިނެޓުގައި ލަނޑު ޖަހައިފަ އެވެ. އެކަމަކު 24 ވަނަ މިނެޓުގައި ޑިއަބާޓޭ ވަނީ ބެނެވެންޓޯ އަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ފަހުން ޔުވެންޓަސް ޑީބަލާ އަލުން ކުރި ހޯދައިދީ 45 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހި ގޯލަކުންނެވެ. ބެނެވެންޓޯ އިން ޑިއަބާޓޭގެ ލަނޑުން 51 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް އެއްވަރުކޮށްފައިވަނިކޮށް ޑީބަލާ ތިން ވަނަ ފަހަރަށް ލީޑު ހޯދައިދިނީ 74 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހި ގޯލުންނެވެ. ޔުވެންޓަސްގެ ހަތަރު ވަނަ ލަނޑު ޖެހީ 82 ވަނަ މިނެޓުގައި ޑަގްލަސް ކޮސްޓާ އެވެ.
ރޯމާގެ ދަނޑުގައި އެ ޓީމު އަތުން 2-0 އިން ފިއޮރެންޓީނާ މޮޅުވިއިރު މިއީ ކެޕްޓަން އެސްޓޯރީ ކުއްލި ގޮތަކަށް މަރުވި ފަހުން އެ ޓީމު ކުޅުނު ފަސް މެޗުން ހޯދި ފަސް ވަނަ މޮޅެވެ. އަދި ޖެހިޖެހިގެން ޖުމްލަ ހަ މެޗުން މޮޅުވެ އެ ޓީމު ވަނީ 1959/1960 ގެ ސީޒަނުގެ ފަހުން ޖެހިޖެހިގެން ހަ މެޗުން ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ.
މި މޮޅާ އެކު ފިއޮރެންޓީނާ ވަނީ 50 ޕޮއިންޓް ހަމަކޮށް ހަތް ވަނަ އަށް އަރައި ޔުރޮޕާ ލީގުގެ އުއްމީދު އާކޮށްފަ އެވެ. އެ މުބާރާތުން ފުރުސަތު ލިބޭނީ ފަސް ވަނަ އާއި ހަ ވަނަ އަށެވެ. އަނެއްކޮޅުން 60 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ރޯމާ ރޭ ބަލިވުމުން އެ ޓީމަށް އެ މަގާމް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ހަތަރު ވަނައިގައި 59 ޕޮއިންޓާ އެކު އޮތް އިންޓަ މިއަދު ޓޮރިނޯ އަތުން މޮޅުވެއްޖެ ނަމަ ތިން ވަނަ އަށް އަރާނެ އެވެ.