"ނާޝިދު މަރުވީ ފިޓު ޖެހިގެން، ހަމަލައަކުން ނޫން"
"ނާޝިދު މަރުވީ ފިޓު ޖެހިގެން، ހަމަލައަކުން ނޫން"

ގއ. މާމެންދޫ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ފިޓު ޖެހިގެން މަރުވި މީހެއް ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

މާމެންދޫ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އެ ރަށު މޫންލައިޓްވިލާ މުހައްމަދު ނާޝިދު 38، އެވެ.

މާމެންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒައީމް "މިހާރު" އަށް ވިދާޅުވީ ނާޝިދު މަރުވީ މީހެއްގެ ނުވަތަ ބައެއްގެ ހަމަލައަކުން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ނާޝިދު މަރުވީ ފިޓް ޖެހިގެން ކަމަށް ޑޮކްޓަރުން އާއިލާ އަށް އަންގާފައިވާ ކަމަށް ވެސް ޒައީމް ވިދާޅުވި އެވެ.

ނާޝިދު މަރުވީ މީހެއްގެ ނުވަތަ ބައެއްގެ ހަމަލާ ދީގެން ކަމަށް މާމެންދޫގައި އަޑު ފެތުރިފައިވެ އެވެ. އެގޮތުން އަތުގެ މުލައްދަނޑި ނޫފައިގެންފައި ހުރުމާއި ކަރުގައި މީހަކު ހިފާފައި ހުރި ކަމުގެ ނިޝާންތައް ހުރި ކަމަށް ނާޝިދު ފަޅުތެތެރޭގައި އޮއްވައި ފެނިގެން ނެގި ބައެއް މީހުން ބުންޏެވެ.

ނަމަވެސް އެ ވާހަކަތައް ކައުންސިލާއި އާއިލާ އިން ދޮގުކުރެ އެވެ.

"ނާޝިދަކީ ކުރިން ފިޓު ޖެހޭ މީހެއް. އޭނާގެ ކޮނޑުމަތީގައި ޒަހަމްތަކެއް ހުރި. އެކަމަކު ޑޮކްޓަރުން ބުނަނީ މޫދު ތެރޭގައި އުޅުމުގެ ތެރޭގައި ޒަހަމްވީ ކަމެއް،" ޒައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނާޝިދަކީ ކޮންމެވެސް ވަރަކަށް މޫދަށް ގޮސް އުޅޭ މީހެކެވެ.

ފުލުހުން ބުނީ ނާޝިދުގެ ހަށިގަނޑުން ނަގަން ޖެހޭ ސާމްޕަލްތައް ނެގުމަށް ފަހު، އިއްޔެ ގއ. ވިލިނގިލީގައި ވަޅުލާފައިވާ ކަމަށެވެ. އަދި ނާޝިދުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނާޝިދު އެންމެ ފަހުން ފެނުނު ކަމަށް ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. ނާޝިދަކީ މާމެންދޫގައި މަސްވެރިކަން ކުރަމުން އަންނަ މީހެކެވެ.