09 އެޕްރީލް 2018 - 07:10

ރަންބީރް ކަޕޫރްގެ ކުރިއަށް އޮތް ފިލްމްގައި ސަންޖޭ ދަތުގެ ރޯލް ކުޅުމަށް ފަހު، އޭނާ މިހާރު ސަންޖޭގެ ދަރިއެއްގެ ރޯލް ކުޅެން ތައްޔާރުވާން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަންބީރާއި ސަންޖޭ ވަނީ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް މިހާރު ސޮއިކޮށްފަ އެވެ. އެ ފިލްމަކީ މީގެ ކުރިން ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނަށް "އަގްނީޕަތު" އާއި "ބްރަދާސް" ޑައިރެކްޓްކޮށް ދިން ކަރަން މަލްއުތުރާ ޑައިރެކްޓް ކުރާ ފިލްމެކެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ކަރަން ވަނީ ވައިއާރްއެފަށް ތިން ފިލްމް ޑައިރެކްޓްކޮށްދޭން އެއްބަސްވުމެއްގައި މިހާރު ސޮއިކޮށްފަ އެވެ. އެ ތިން ފިލްމްގެ ތެރެއިން އެންމެ އަވަހަށް ފަށަން ހަމަޖެހިފައި ވަނީ ސަންޖޭ އާއި ރަންބީރް ކަޕޫރް ކުޅޭ ފިލްމެވެ. އަދި ވަކި ނަމެއް ދީފައި ނުވާ ފިލްމްގައި، ސަންޖޭ، ރަންބީރުގެ ބައްޕަގެ ރޯލް ކުޅޭ އިރު، މި ފިލްމްގެ ބަތަލާއަކީ ވާނީ ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވާނީ އެންމެ ފަހުން ފެނިފައި ވަނީ އަދިތިޔާ ޗޯޕްޅާ 2016 ގައި ގެނެސް ދިން ފިލްމް "ބޭފިކްރޭ" އިންނެވެ. އެ ފިލްމަށް ފަހު ވާނީ ވަނީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ލީޑް ރޯލް ކުޅޭ ވައިއާރްއެފްގެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ އަދި ވަކި ނަމެއް އިއުލާންކޮށްފައި ނުވާ އެކަމަކު ސިދާތު އާނަންދު ޑައިރެކްޓްކޮށް އޮކްޓޯބަރު، 20، 2019 ގައި ރިލީޒް ކުރާ ފިލްމެކެވެ.
ރަންބީރު ސަންޖޭގެ ރޯލް ކުޅުނު ފިލްމަކީ "3 އިޑިއަޓްސް" އާއި "ޕީކޭ" ގެ ޑައިރެކްޓަރު ރާޖް ކުމާރް ހިރާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި ވަކި ނަމެއް ރަސްމީކޮށް އިއުލާންކޮށްފައި ނުވާ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 29 ގަ އެވެ.
ފިލްމްގެ ފުރަތަމަ ޓީޒާ ޓްރެއިލާ މި މަހުގެ 24 ގައި އާންމުންނަށް ދޫކޮށްލަން ވަނީ ރާވައިފަ އެވެ.
ރަންބީރް އެންމެ ފަހުން ވައިއާރްއެފްގެ ފިލްމެއް ކުޅުނީ 2009 ގަ އެވެ. އެއީ ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނު "ރޮކެޓް ސިންގް" އެވެ. ސަންޖޭ ޖަލު ހުކުމެއް ތަންފީޒް ކުރުމަށް ފަހު، އެނބުރި ބޮޑު ސްކްރީނަށް މިދިޔަ އަހަރު އައި ފިލްމް "ބޫމީ" ގައި ވެސް ކުޅެފައި ވަނީ ބައްޕައެއްގެ ރޯލެވެ. އެ ފިލްމްގައި އޭނާ ކުޅުނީ ބަތަލާ އަދިތީ ރާއޯ ހައިދަރީގެ ބައްޕަގެ ރޯލެވެ.