ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ބަޔާން ލީގު ނަގައިފި
ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ބަޔާން ލީގު ނަގައިފި

އޮގްސްބާގް (އޭޕްރިލް 8) – ފަހަތުން އަރައި 4-1 އިން އޮގްސްބާގް އަތުން މޮޅުވެ ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކުން ރޭ ހޯދައިފި އެވެ.

ބާކީ ފަސް މެޗު އޮއްވާ އެ ޓީމުން ލީގު ކަށަވަރުކުރީ 72 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 52 ޕޮއިންޓާ އެކު އޮތް ޝާލްކާ އަށް ބާކީ އޮތް ފަސް މެޗުން މޮޅުވިޔަސް ގިނަވެގެން އެއްކުރެވޭނީ 67 ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ބުދަ ދުވަހުގެރޭ ސެވިއްޔާއާ ދެކޮލަށް ކުޅޭ މެޗު އޮތުމުން ރޭ ބަޔާނުގެ ކޯޗު ޔުޕް ހެއިންކެސް ވަނީ ވަރަށް ގިނަ ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދީފަ އެވެ. އެގޮތުން ރޮބަޓް ލެވޮންޑޮސްކީ އާއި ތޯމަސް މުލާ އާއި ތިއާގޯ އަލްކަންޓާރާ އާއި ފްރޭންކް ރިބެރީ އާއި މެޓްސް ހަމެލްސް އަދި ހަވީ މާޓިނޭޒް ތިބީ ބެންޗުގަ އެވެ.

އޮގްސްބާގުގެ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި ބަޔާނުގެ ނިކްލަސް ސޫލޭ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު އޮގްސްބާގަށް ކުރި ލިބުނެވެ. އެކަމަކު ބަޔާނުން އުނދަގުލެއް ނެތި ފަހަތުން އަރައި ކުރި ހޯދި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ލީޑު ލިބުނީ ކޮރެންޓުން ޓޮލިސޯ އާއި ހަމެސް ރޮޑްރިގޭޒް ޖެހި ލަނޑުތަކުންނެވެ. ދެ ވަނަ ހާފުގައި އަނެއް ދެ ގޯލް ޖެހީ އާޔެން ރޮބެން އާއި ސެންޑްރޯ ވީނާ އެވެ.

ބަޔާނުން ފަސޭހަކަމާ އެކު ލީގު ކާމިޔާބުކުރިއިރު މި ސީޒަނުގައި އުދަނގޫ ދުވަސްތަކެއް ދިޔަ އެވެ. އެގޮތުން އޮކްޓޯބަރު މަހު ކޯޗު ކާލޯ އަންޗެލޮޓީ މަގާމުން ވަކިކޮށް ހެއިންކެސް ގެނައިއިރު އެ ޓީމު އޮތީ ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ.

އުމުރުން 72 އަހަރުގެ ހެއިންކެސް 2013 ވަނަ އަހަރު ބަޔާނަށް ޖަރުމަން ލީގާއި ޗެމްޕިއަންސް ލީގާއި ޖަރުމަން ކަޕް ކާމިޔާބުކޮށްދިނުމަށް ފަހު ރިޓަޔާކުރި ނަމަވެސް ބަޔާނުން އެދުމުން އަލުން އައީ އެވެ. މި ފަހަރު މިއޮތީ އޭނާ އަށް އަނެއްކާ ވެސް ތިން ތަށި ހޯދައިދިނުމުގެ ފުރުސަތު ލިބިފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީއާ ގާތުގައި އޮތްއިރު ޖަރުމަން ކަޕުގެ ސެމީ ފައިނަލުގައި މި މަހުގެ 17 ވަނަ ބެޔާ ލެވަކޫސަންއާ ވާދަކުރާނެ އެވެ.

ބަޔާނުން މި ފަހަރު ވެސް ރަށުން ބޭރުގައި ކުޅުނު މެޗެއްގައި ލީގު ކަށަވަރުކުރިއިރު 2000 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ލީގެއް ކާމިޔާބެއް ނުކުރެވެ އެވެ. މާނައަކީ 2005 ވަނަ އަހަރު އެ ކްލަބުން ބޭނުންކުރަން ފެށި އެލިއަންޒް އެރީނާގައި ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އަދި ނުލިބުމެވެ.