08 އެޕްރީލް 2018 - 00:06

މެންޗެސްޓާ (އޭޕްރިލް 7) – ފުރަތަމަ ހާފުގައި ޖެހި ދެ ލަނޑާ އެކު މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ދާދި ގާތުގައި އޮއްވާ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި 3-2 އިން މޮޅުވެ ސިޓީ އަށް އިތުރު އިންތިޒާރެއް ކުރަން ޖައްސައިފި އެވެ.
އެންމެ ވާދަވެރި ޓީމުގެ މައްޗަށް އަމިއްލަ ދަނޑުގައި ކުރި ހޯދައިގެން ސިޓީ އަށް ލީގު ކާމިޔާބުކުރަން ލިބުނު ފުރުސަތު މި ވަގުތަށް ގެއްލިފައިވާއިރު އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވެގެން ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ. ސިޓީ 84 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ޔުނައިޓެޑް ދެ ވަނައިގައި އޮތީ 71 ޕޮއިންޓާ އެކު އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ދެ ލަނޑުގެ ލީޑެއް ނެގިއިރު ފުރަތަމަ ގޯލް 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ އޭނާ ގޯލަށް ވައްދާލީ، އޭނާ މާކްކޮށްގެން ހުރި ޔުނައިޓެޑުގެ ޑިފެންޑަރު ކްރިސް ސްމޯލިން ކައިރިން ދެމި ގަތުމަށް ފަހު އެވެ. އޭގެ ފަސް މިނެޓު ފަހުން ލީޑު ފުޅާކޮށްދިނީ ޖަރުމަން މިޑްފީލްޑަރު އިލްކޭ ގުންޑޮގާން އެވެ.
މި ހާފުގައި އިތުރު ހަތަރު ގޯލް ޖަހަން ސިޓީ އަށް މުޅިން ހުސް ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރެއިން ތިން ބޯޅަ ލިބުނީ ރަހީމް ސްޓާލިން އަށެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ގޯލަށް އަމާޒުކޮށް އެންމެ ބޯޅައެއް ވެސް ފޮނުވާނުލެވުނެވެ. އަމުދުން ސިޓީން ލީޑު ނެގި ފަހުން އެ ޓީމުން ޔުނައިޓެޑަށް ހަމަނޭވާއެއްލިޔަކަ ނުދިނެވެ.
އެކަމަކު ދެ ވަނަ ހާފުގައި ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ހާފުގެ ކުރީކޮޅު ޕައުލް ޕޮގްބާ ވަނީ ފުލުފުލުގައި ދެ ލަނޑު ޖަހައި އެންމެން ހައިރާންކޮށްލައިފަ އެވެ. އެލެކްސިސް ސަންޗޭޒް ނެގި ހުރަހެއް އެންޑާ ހެރޭރާ މެއިން ޖައްސާލުމުން 53 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޕޮގްބާ ގޯލަށް ވައްދާލިއިރު 55 ވަނަ މިނެޓުގައި ދެ ވަނަ ގޯލް ޖެހީ އަލެކްސިސް ސަންޗޭޒް ނެގި ހުރަހެއް ބޮލުން ޖަހަ އެވެ.
ޔުނައިޓެޑުން ފަހަތުން އަރައި ލީޑު ނެގީ 69 ވަނަ މިނެޓުގައި ސްމޯލިން ޖެހި ގޯލުންނެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ސަންޗޭޒް ކުރި ހުރަސް އޭނާ ގޯލަށް ވައްދާލީ އޭރިއާ ތެރެއަށް މުޅިން ހުސްކޮށް ވަދެ ސިޓީގެ ގޯލްކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. އެކަމަކު އޭނާ ގޯލް ޖެހީ އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށް ބުނެ މައްސަލަ ޖައްސާފައިވެ އެވެ.
މެޗުގެ ފަހުބައިގައި ސިޓީން ސާޖިއޯ އަގުއޭރޯ އާއި ގެބްރިއަލް ޖީސުސް އަދި ކެވިން ޑި ބްރޭނާ އަރުވައިގެން އެޓޭކްތައް އަލުން ވަރުގަދަކުރި އެވެ. އަގުއޭރޯ އަށް އޭރިއާ ތެރެއިން ޔުނައިޓެޑުގެ އޭޝްލީ ޔަންގް ފައުލްކުރި ކަމަށް ބުނެ ޕެނަލްޓީއަކަށް ސިޓީން އެޕީލްކުރި އެވެ. އެކަމަކު ރެފްރީ މާޓިން އެޓްކިންސަން ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ. އޭނާގެ ނިންމުންތަކާ މެދު ސިޓީގެ ކުޅުންތެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. މެޗުގެ ފަހު ވަގުތު އެއްވަރުކުރަން އަގުއޭރޯ އާއި ސްޓާލިން އަށް ފުރުސަތު ލިބި ބޭކާރުވި އެވެ.
މެންޗެސްޓާ ޑާބީ މެޗުން މޮޅުވެގެން ސިޓީ އަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ގެއްލުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެކަކަކީ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ދެމެދު އޮންނަ ވާދަވެރިކަމުގެ ތެރެއިން މޮރީނިއޯ އަށް މިރޭ މި ހާސިލްކުރެވުނީ ނިސްބަތުން ބޮޑު ކަމެކެވެ.