08 އެޕްރީލް 2018 - 07:12

ބުދަ ދުވަހާ ގުޅޭ
"އެއީ އަހަރެންގެ އެކްސް،" ލީނާ އާ ސަބާއާ އެކު އެކަނިވުމުން އަހަރެން އޮޅުންފިލުވަދިނީމެވެ.
"ކިތައްވަނަ؟" ސަބާ އަހައިލި އެވެ.
އަހަރެން ލޯ އަޅައިލިތަން ފެނިގެން އޭނަ ދެ ތުންފަތް ޖައްސައި ބާރުކޮށްލައިފައި އެއްކޮޅުން އަނެއްކޮޅަށް ޒިބު ދަމައިލާފަދަ ހަރަކާތެއް ދައްކައިލި އެވެ. އަހަރެން ދެން ބަލައިލީ ލީނާއަށެވެ. ގްރޭޑް ދިހައެއްގައި އުޅެމުން އަޔާންއާ ދިމާވެގެން ރައްޓެހިވި ވާހަކަ ކިޔައިދޭން ފެށީމެވެ. އަޔާން އެއީ އަހަރެންގެ ފުރަތަމަ ސީރިއަސް ބޯއިފްރެންޑެވެ. އާއިލާއެއްގެ ހުވަފެން އަހަރެން ފުރަތަމަ ދުށީ އަޔާންއާ އެކުގަ އެވެ. އެކަމަކު އަހަރެން މީ އޭނަގެ ހަމައެކަނި ލޯބިވެރިޔާ ނޫންކަން އެނގުނު ހިސާބުން އެ ބާބު ނިންމައިލީ އަހަރެން އަމިއްލައަށެވެ.
"ދެން އަހަރެންގެ ސުވާލަކަށް ޖަވާބު ދީ! އޭނަ މި ގޭގަ ކީއްކުރަނީ؟ އަދި އަހަންނަށް ކުރިން ކީއްވެ ނޭނގުނީ ޒައިދުބެއާ އޭނަ ރިލޭޓެޑް ކަމެއް؟" އަހަރެންގެ ވާހަކަ ނިންމާލައިފައި ސުވާލު ކުރީމެވެ.
ލީނާ ކިޔައިދިން ގޮތުން އަޔާން އެއީ ޒައިދުބެއާ އެއްބަފާ މީހެކެވެ. ނުވަ އަހަރު ކުރިން އެ މީހުންގެ އާއިލާ މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރި ފަހުން ރާއްޖެ އައީ މަދު ފަހަރެއްގަ އެވެ. ޒައިދުބެއާ އަޔާންގެ ގުޅުން ބަދަހިވީ ދާދި ފަހަކުންނެވެ. ލޭގެ ގުޅުން އޮތެއް ކަމަކު މީގެކުރިން އެ މީހުން އުޅުނީ ނުދަންނަ މީހުން ފަދައިންނެވެ. އަދި އަޔާންގެ މި ދަތުރަކީ އޭނަގެ އެކުވެރިއެއްގެ ކައިވެނީގައި ބައިވެރިވުމަށް ކުރި ދަތުރެކެވެ.
"ހީޒް ހޮޓް." ލީނާގެ ވާހަކަ ނިމުނުތަނާ ސަބާ ބުނެލި އެވެ.
"އެކަން ކުރަން ހިތަށް ވެސް ނާރުވާތި!" އަހަރެން ސަބާ އަށް އިންޒާރު ދިނީމެވެ.
"ކީއްތަވީ؟ ދެންމެއެއްނު ބުނީ އެކްސް އޭ.. ނޫނީ ސާޖީ އަދިވެސް އޭނަ ބޭނުންވަނީތަ؟" ސަބާ މައުސޫމު ގޮތަކަށް ސުވާލުކުރި އެވެ.
އަހަރެންނަށް އަތުން ޖަހާލެވުނީ ނިތުގަ އެވެ. ދެންމެ އަހަރެން ދެއްކިހާ ވާހަކަ އޭނަގެ ކަންފަތަށް ނުފޯރަނީ ހެއްޔެވެ؟ އޭނައާ ވަކިވާން އަހަރެން ނިންމީ ކީއްވެކަން ނޭނގުނީ ހެއްޔެވެ؟
"ހީޒް އޯލް ޔުއާސް،" ރުޅިގަދަވެފައި ހުރިވަރުން އަހަރެން ދާންވެގެން ތެދުވީމެވެ.
ކޮޓަރިން ނިކުތްއިރު ޒައިދުބެ އުޅެނީ ހުސްތަށިތައް އެއްކުރާށެވެ. އަޔާން އިނީ ލަޔާލްއާ ވާހަކަދައްކަން ސޯފާގަ އެވެ. ލަޔާލްގެ ޝައުގުވެރިކަން ހުއްޓިފައި ހުރީ އަޔާންގެ ފޯނަށެވެ. އަހަރެން އެ ދެ މީހުން ފަސްދީފައި ގޮސް ޒައިދުބެއާ އެހީވާން ފެށީމެވެ. އަޔާންގެ ނަޒަރު އަހަރެންނަށް ހުއްޓާ ދެ ފަހަރަކު ފެނުނެވެ. އަހަރެން އަޅައެއްނުލަމެވެ.
"ސޯ...ކިހިނެއް ކަންތައްތައް؟" ސިންކު ކައިރީ ތަށިދޮންނަން ހުއްޓާ ފަހަތުން އަޔާންގެ އަޑު އައެވެ.
އަހަރެން އެނބުރުނުއިރު އަޔާން ހުރީ މޭޒު ކައިރީގަ އެވެ. ގޮނޑިއެއް ދުރުކޮށްލައިގެން އޭގެ ކުރިމަތި ފުރަގަސްވާ ގޮތަށް އިށީންދެފައި އަތްގަނޑުގައި ދަތްދޮޅި އަޅުވައިލި އެވެ.
"ރަނގަޅު." އަހަރެން ޖަވާބު ދީފައި މަސައްކަތް ކުރިއަށް ގެންދިޔައީމެވެ.
"މީހަކާ އިނދެފިންތަ؟" އަޔާން ދެ ވަނަ ސުވާލުކުރި އެވެ.
އެ އަޑު އަހާފައި އަހަރެންގެ ދެއަތަށް ހުއްޓުން އައެވެ. އެމޫނަށް ބަލައިލެވުނީ ދެބުމަ ކައިރިކޮށްލައިފަ އެވެ.
އަހަރެން ހުހަށް ހުރި ވާހަކަ ބުނެފިއްޔާ އޭނަ ކޮންމެފަދަ މަލާމާތެއް ވެސް ކޮށްފާނެ އެވެ. އަހަރެން ޖަވާބު ނުދޭނީ އެވެ. އިސްކުރު ބާރުކޮށްލައިފައި އަހަރެން ޖަވާބުދޭން ތައްޔާރު ވެލީމެވެ.
"އަޔާން ހީކުރީ އަޔާން އަހަންނާ ނީނިއްޔާ އަހަންނާ އިންނާނެ މީހަކު ނުވާނެ ކަމަށްތަ؟" އަހަރެން އެ ސުވާލު އަޔާންއާ ދިމާއަށް އަނބުރާލީމެވެ.
"ސާޖީގެ ގޮތެއް ނޭނގެ. އެކަމަކު އަހަރެން މި ހުންނަނީ ސާޖީ ނުލިބިގެން މީހަކާ ނީނދެވިފަ." އަޔާން ބުނެލި އެވެ.
އަހަރެންގެ މެއަށް ފިނިވެގެން އައެވެ. އަޔާން އެ ބުނީ ދޮގެއްކަން އަހަރެންގެ ސިކުނޑި އަންގައިދިން ނަމަވެސް ހިތަށް އެނގުންވެއްޖެ އެވެ. އަމިއްލަ އަށް ބޭޒާރު ނުވަނީސް އަހަރެން އަނެއްކާ ވެސް އެނބުރުނީ މަސައްކަތަށެވެ. އަޔާން އިތުރު ވާހަކައެއްނުދައްކައި އިރުކޮޅަކު އިނެވެ. އަހަރެމެން ދެ މީހުންގެ މެދަށް ވެރިވެފައި އޮތް ހިމޭންކަން ނަގައިލީ ސަބާ އެވެ.
ނިދި އަންނަ ވާހަކަ ބުނަމުން އެތެރެއަށް ވަނުމާއެކު އޭނަ އަށް އަޔާން ފެނިއްޖެ އެވެ. އެ ހިސާބުން އޭނަގެ ހުރިހާ ސަމާލުކަމެއް ހުރީ އަޔާންއަށެވެ. އަޔާންގެ ކުރިމައްޗަށް ހުއްޓި ސަލާމަތް އަތްދިއްކޮށްލާފައި ތައާރަފް ދިނެވެ. އަހަރެން ފާޑަކަށް ބަލައިލީތަން އޭނައަށް ފެނުނީކަން ޔަގީނެވެ. އޭނައާ ސަބާއާ ވާހަކަދައްކަން ފެށީ އޭގެ ފަހުންނެވެ.
އެންމެ ފުރަތަމަ ފެށީ ސަބާގެ ނަމުންނެވެ. ދެން ތައުރީފް ކުރީ އަތްތިލަ އަށެވެ. ސަބާ ހިނިތުންވެލިއިރަށް ކޮލުގައި އިން އަޑިކޮޅުގައި އަޅައިގެންފި އެވެ. އަހަރެންނަށް އެއްޗެއް ނުބުނެ ކެތްވީ ކިރިޔާ އެވެ. އެކަމަކު އޭރުން އަޔާންގެ މަގުސަދު ކާމިޔާބު ވާނެ އެވެ. އަހަރެން ދައްކަން ބޭނުންވީ އޭނަގެ އެއްވެސް އަމަލަކުން އަހަރެންނަށް އަސަރެއް ނުކުރާކަމެވެ.
އެރެއަށްފަހު ތިން ދުވަސް ވަންދެން އަހަރެން އެ ގެއަށް ނުގޮސް ހުރީމެވެ. ލީނާ ގުޅައިގެން އެކި ފަހަރު މަތިން ދާން އެދުނެވެ. އަހަރެން ދައްކަނީ ކޮންމެވެސް ބަހަނާ އެކެވެ. އަނެއްކޮޅުން ސަބާ ހުންނަނީ ފުރުސަތެއް ނުލިބިފަ އެވެ. އަހަރެން ނުދާންވެގެން ސަބާ ބޭނުމިއްޔާ ދާށޭ ބުނީމެވެ.
ހަތަރު ވަނަ ދުވަހު ލީނާ އަނެއްކާ ގުޅި އެވެ. ލަޔާލް ސުކޫލް ނިމޭގަޑިއާ ދިމާވީ ޑޮކްޓަރަށް ދައްކަން ދާން ޖެހުނު ގަޑި އާއެވެ. އަހަންނަށް މަޖުބޫރުވީ ހިތާ ދެކޮޅަށް ވިއަސް އެއްބަސް ވާށެވެ. ސްކޫލުން ގެނެސް ޔުނީފޯމް ބަދަލުކޮށްފައި އަހަރެން ބޭނުމިއްޔާ ލަޔާލް ގޮވައިގެން ގެއަށް އައުމުގެ ހުއްދަ ލީނާ ދިނެވެ. އަހަރެން ނިންމައިގެން ހުރީ އެގޮތެވެ. އޮފީހުން އައިސް ނިދިގަނޑެއް އަޅައިނުލެވިއްޖެއްޔާ އިރުއޮއްސޭ ތަނުން ނިދި އަންނާނެ އެވެ.
ގެއަށް ވަންއިރު ނަސީބަކުން އަޔާން ފެންނާކަށް ނޫޅެ އެވެ. އަހަރެން ލަޔާލްގެ ހެދުން ނަގައިދީފައި އޭނަ ނިމެންދެން މަޑުކޮށްލައިގެން އިނީ ބޭރުގަ އެވެ. ގިނައިރުވެގެން ދިޔައިރު ލަޔާލް އޮތީ ނިދައިފަ އެވެ.
އަހަންނަށް ނިތުގައި ހިފަހައްޓައިލެވުނެވެ. ކޮންމެ ގޮތެއްވިއަސް ލަޔާލް އެކަނި ގޭގައި ބާއްވާފައެއް ނުދެވޭނެ އެވެ.
ޓީވީ ހުޅުވައިގެން ސިޓިންރޫމްގައި އިންއިރު އިރުއިރުކޮޅާ ދޮރާ ދިމާއަށް ބަލައިލެވެ އެވެ. ބޭރުން މީހަކު ހިނގާލާ އަޑު އިވުނަސް ހިތް ތެޅެން ފަށަ އެވެ. އެހެން އިންދާ ދޮރު ހުޅުވާ އަޑު އިވިއްޖެ އެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ.
ދޮރުން އެތެރެއަށް ވަނީ އަޔާން އެވެ. ފަހަތުގައި އިތުރު ޒުވާނަކު ހުއްޓެވެ. އަޔާން އަށް އަހަރެން ފެނުނުހާއިރު ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެ އެވެ. ރިމޯޓު ނަގައި ޓީވީ ނިއްވާލައިފައި އަހަރެން ބެލީ އެތަނުން ދެވޭތޯ އެވެ.
"ލަޔާލް މަޑުކޮށްބަލަ! އަޔާން ގޮވާލި އަޑާއެކު ފިޔަވަޅުތައް ހުރި ހިސާބުން ހުއްޓުނެވެ.
އެނބުރުނުއިރު އަޔާންގެ އެކުވެރިޔާގެ ނަޒަރު ވެސް ހުރީ އަހަންނަށެވެ. އެހެންވެ އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
"މީ ނިހާން. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ." އަޔާންގެ އެކުވެރިޔާ އަށް އިޝާރާތް ކޮށްފައި ތައާރަފްދިނެވެ.
އެ ވަގުތު ނިއާން ކުރިއަށް ފިޔަވަޅެއް އަޅާލައިފައި އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ.
"ސާޖީއާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަ އަޑު އިވިފައި ހުރީ. ވަރަށް އުފާވެއްޖެ އެންމެފަހުން ބައްދަލުވީމަ." ހިނިތުންވުމަކާ އެކު ނިހާން ސަލާމަށް އަތްދިއްކޮށްލި އެވެ.
އަހަންނަށް ބަލައިލެވުނީ އަޔާންގެ މޫނަށެވެ. އަހަރެންގެ މޫނުގައިވި ސުވާލުތައް ދެކެފައި އަޔާންގެ ހިނިތުންވުން ފުންވެގެން އައެވެ.
ނުނިމޭ