07 އެޕްރީލް 2018 - 17:27

ސައޮ ޕޯލޯ (އެޕްރީލް 7) - ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނިމެންދެން އޭނާ ޖަލަށް ނުލާ ބެހެއްޓުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ލޫލާއާ ދެކޮޅަށް ނިންމުމާ އެކު ލޫލާ ހައްޔަރު ކުރަން ނެރުނު އަމުރުގެ މުއްދަތު ފަހަނަޅައިދިޔަ އިރު ވެސް އޭނާ ހައްޔަރު ކުރެވޭ ގޮތެއް ނުވި އެވެ.
ލޫލާ ހެންނެވީ ސައޮ ޕޯލޯގެ ބޭރުގައިވާ އޭނާގެ އުފަން ޓައުނުގެ ޔޫނިއަން ބިލްޑިންގެއްގައި ކަމަށްވެ އެވެ. އުމުރުން 72 އަހަރުގެ ކުރީގެ ރައީސްގެ ވަކީލުން ބުނެފައި ވަނީ ފުލުހުންނާ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ލޫލާ ހުންނެވި އިމާރާތުގެ ބޭރަށް ވަނީ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ޖަމާވެފަ އެވެ. ބައެއް މީހުން ބުނީ ލޫލާ ހައްޔަރު ކުރަން ފުލުހުން އެ އިމާރާތަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
އިސްތިއުނާފް ނިމެންދެން ދޫކޮށްލާފައި ބެހެއްޓުމަށް ލޫލާގެ ފަރާތުން ހުށަހެޅި މައްސަލާގައި 10 ގަޑިއިރަށް ދެމިގެން ދިޔަ ޝަރީއަތަށް ފަހު 5-5 އިން ފަނޑިޔާރުންގެ ނިންމުން ހަމަހަމަވުމުން އުއްތަމަ ފަނޑިޔާރު ނިންމެވީ ލޫލާ ޖަލުގައި ބެހެއްޓުމަށެވެ.
ލޫލާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލަގަނޑެއްގައި ރިޝްވަތުގެ ގޮތުގައި އެޕާޓްމަންޓެއް ދިން ކަމަށް ބުނާ މައްސަލަ އެވެ. ލޫލާ ވަނީ މި ތުހުމަތު ދޮގު ކުރައްވައިފަ އެވެ. އަދި އެއީ ސިޔާސީ ގޮތުން އުފައްދާފައިވާ މައްސަލައެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. ލޫލާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައި ވަނިކޮށެވެ.