ކަފާލާތުގެ ދަށުން ސަލްމާން މިނިވަންކޮށްފި
ކަފާލާތުގެ ދަށުން ސަލްމާން މިނިވަންކޮށްފި

ހިމާޔަތްކޮށްފައިވާ ޖަނަވާރެއް މެރުމުގެ ކުށުގައި ބުރާސްފަތި ދުވަހު ފަސް އަހަރަށް ޖަލަށް ލި ބޮލީވުޑްގެ ބަތަލު ސަލްމާން ޚާން ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް މިއަދު ކޯޓުން ކަނޑައަަޅައިފި އެވެ.

ޖޯދްޕޫރުގެ ޑިސްޓްރިކްޓް ކޯޓާއި ސެޝަން ކޯޓުން މިއަދު ހެނދުނު ކަފާލާތުގެ އަޑުއެހުންތައް ނިންމާލުމަށް ފަހު، ސަލްމާނާ އެއްކޮޅަށް އަމުރު ނެރުނީ މެންދުރު ފަހު އެވެ. އެއާ އެކު ސަލްމާންގެ ސަޕޯޓަރުން އަންނަނީ އުފާ ފާޅުކުރަމުންނެވެ.

ކަފާލާތުގެ ގޮތުގައި ސަލްމާން 50،000 ރުޕީސް ދައްކަން ޖެހޭނެ އެވެ. ވަކީލުން ވިދާޅުވި ގޮތުގައި ކަފާލާތު ހަމަޖެހުނު ނަމަވެސް ކޯޓުތަކުން ފުރިހަމަކުރަންޖެހޭ ކަންކަން ގިނަކަމުން ސަލްމާން މިއަދު ޖަލުން ނުނެރެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއަދު ސަލްމާން ޖަލުން ނެރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ސަލްމާނަށް އައި ޖަލު ހުކުމުގެ އިތުރުން 10،000 ރުޕީސް އިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

ސަލްމާން ޖަލަށް ލީ 1999 ގައި ރިލީޒް ކުރި ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމް "ހަމް ސާތު ސާތު ހޭ" ގެ ޝޫޓިންގެ ތެރޭ އުޅެމުން، ހިމާޔަތްކޮށްފައިވާ ފުއްލާއެއް ޝިކާރަ ކުރި މައްސަލައިގަ އެވެ. ސަލްމާންގެ އިތުރުން އެ ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނޭ ސައިފް އަލީ ހާން، ތައްބޫ، ސޮނާލީ ބެންޑްރޭ އަދި ނީލަމް ކޮތާރީ އަށް ވެސް ދައުވާކުރި އެވެ. ނަމަވެސް އެ މީހުން ވަނީ ސަލާމަތްވެފަ އެވެ.