07 އެޕްރީލް 2018 - 13:45

މިދިޔަ މަހުގެ 16 ވަނަ ދުވަހު ރިލީޒް ކުރި، އަޖޭ ދޭވްގަންގެ ފިލްމް "ރެއިޑް" ވެސް 100 ކްރޯޑް ކުލަބުން ޖާގަ ހޯދައިފި އެވެ.
މިއީ މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން 100 ކްރޯޑް (15 މިލިއަން ޑޮލަރު) ކުލަބަށް ވަން ހަތަރު ވަނަ ފިލްމެވެ. މި ލިސްޓްގައި ދެން ހިމެނެނީ ދީޕިކާ ޕަދްކޯނާއި ރަންވީރް ސިންގް އަދި ޝާހިދު ކަޕޫރްގެ "ޕަދްމާވަތު" އާއި މާ މަޝްހޫރު ނޫން ތަރިންތަކެއް ހިމެނޭ ކަރްތިކް އާރިޔަން އާއި ނުޝްރަތު ބަރޫޗާ އަދި ސަނީ ނިޖާރްގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ އިތުރުން ޓައިގާ ޝްރޮފްގެ "ބާގީ 2" އެވެ.
ރާޖްކުމާރް ގުޕްތާ ޑައިރެކްޓްކޮށް، އަޖޭ އާއި އިލިއާނާ ޑި ކްރޫޒް ލީޑް ރޯލް ކުޅުނު "ރެއިޑް" އަކީ 45 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. އިންޑިއާ އާއި އިންޑިއާ އިން ބޭރުގައި ފިލްމް ދައްކައިގެން ފިލްމަށް މިހާތަނަށް ވަނީ 137.93 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
"ރެއިޑް" އަކީ އިންކަމް ޓެކްސް އަށް މަކަރު ހަދާ ބަޔަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއްގެ މައްޗަށް ހަދާފައިވާ ޕީރިއަޑް ކްރައިމް ތުރިލާއެކެވެ.
މި ފިލްމާ އެކު އަޖޭގެ 100 ކްރޯޑް ކުލަބަށް ވަން ފިލްމްތަކުގެ އަދަދު މިހާރު ވަނީ ހަތެކަށް އަރައިފަ އެވެ. އެ ކުލަބްގައި ހިމެނޭ އޭނާގެ އިތުރު ފިލްމްތަކުގެ ތެރޭގައި ހިމެނެނީ "ގޯލްމާލް އެގެއިން"، "ޝިވާއޭ"، "ސިންގަމް"، "ސިންގަމް ރިޓާން"، "ބޯލް ބައްޗަން" އަދި "ގޯލްމާލް 3" އެވެ.
މި އަހަރު 100 ކްރޯޑް ކުލަބުން ޖާގަ ހޯދި ފިލްމްތަކުގެ ތެރެއިން އެންމެ އަވަހަށް 100 ކްރޯޑްގެ އާމްދަނީއެއް ހޯދި ފިލްމަކީ ޓައިގާގެ "ބާގީ 2" އެވެ. އެ ފިލްމް އެ އަދަދު ހަމަ ކުރީ އެންމެ ހަ ދުވަހުގެ ތެރޭގަ އެވެ.
އަހުމަދު ހާން ޑައިރެކްޓްކޮށްފައިވާ "ބާގީ 2" ރިލީޒް ކުރި މިދިޔަ މަހުގެ 30 ގަ އެވެ.