ރާޅެއް ނެތަސް މި ބޯޑުގައި "ރާޅާއަޅަންވީ"
ރާޅެއް ނެތަސް މި ބޯޑުގައި "ރާޅާއަޅަންވީ"

ރާޅާއެޅުމަކީ ހުނަރެކެވެ. މި ކުޅިވަރަށް އާންމުކޮށް ބޭނުންކުރާ ބޯޑަކީ އޭގެ މައްޗަށް އެރުމަށާއި އެ ކޮންޓްރޯލްކުރުމަށް ވަކި ކަހަލަ ތަމްރީންތަކެއް ބޭނުންވާ ބޯޑެކެވެ. މި ބޯޑު އެންމެ ރަގަޅަށް ދުއްވޭނީ ވެސް ރާޅު ނަގާ މިންވަރަކުންނެވެ. އެކަމަކު މިއިން އެއްވެސް ކަމަކަށް ޝަރުތުނުކުރާ ސާފްބޯޑު މިހާރު އެބަހުއްޓެވެ. ބްލީ ޝާކް ސާފްބޯޑަކީ ކަރަންޓުން ހަކަތަ ހޯދައިގެން ދުއްވާ ބޯޑެކެވެ.

ބްލީ ޝާކްގެ ދެވައްތަރެއް ހުރެއެވެ. އެއީ ޝާކް ޕަފޯމަންސްއާއި ޝާކް ސްޕޯޓްއެވެ. ޝާކް ޕަފޯމަންސަކީ ބަރުދަނުގައި 30 ކިލޯ ހުންނަ ބޯޑެކެވެ. މި ބޯޑު ފުރިހަމައަށް ޗާޖުކޮށްގެން ގަޑިއަކު 32 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާލެވެއެވެ. ޝާކް ސްޕޯޓްގެ ބަރުދަނުގައި ހުންނަނީ 27 ކިލޯއެވެ. ގަޑިއަކު 48 ކިލޯމީޓަރު ބާރުމިނުގައި ދުއްވުމުގެ ކުޅަދާނަކަން މިބޯޑަށް ލިބިފައިވެއެވެ.

މި ދެބާވަތުގެ ބޯޑުގެ ބެޓެރީ ވެސް ފަސޭހައިން ބަދަލުކުރެވެއެވެ. ޗާޖުކުރަން ހޭދަވަނީ ދޮޅު ގަޑިއިރާއި ދެ ގަޑިއިރާ ދެމެދުގެ ވަގުތެކެވެ. މި ޗާޖުން 40 މިނިޓާއި 70 މިނިޓާ ދެމެދުގެ ވަގުތެއްގައި ބޯޑު ފެންމަތީ ބޭނުންކުރެވެއެވެ. މި ބޯޑު ދުއްވާކަށް ބޮޑެތި ބިޔަ ރާޅުތަކެއް ބޭނުމެއް ނޫނެވެ. ކޯރުގައި ވެސް ދުއްވާލެވެއެވެ.
ރާޅާއަޅަން ކަރަންޓުން ދުއްވާ ބޯޑަކީ ބާޒާރުގައި އާ އެއްޗެއް ނޫނެވެ. ބްލީ ޝާކް ސާފްބޯޑާއި މިވަގުތު ދުނިޔޭގެ ބާޒާރުގައި ހުރި މިފަދަ އެހެން ބޯޑުތަކާ ހުރި ތަފާތަކީ އަގުގައި ހުރި ތަފާތެވެ. އާންމުކޮށް މިހާރު މީގެ ބޯޑެއް ވިއްކަނީ 14،000 އާއި 24،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް ބްލީ ޝާކް ޕަފޯމަންސް ބޯޑުގެ އަސްލު އަގަކީ 5،999 ޑޮލަރެވެ. އަދި ޝާކް ސްޕޯޓް ވިއްކާނީ 8،999 ޑޮލަރަށެވެ.