މި ސަރުކާރުން 413 ޑޮކްޓަރުންނާއި 681 ނަރުހުން އިތުރުކޮށްފި: ނާޒިމް
މި ސަރުކާރުން 413 ޑޮކްޓަރުންނާއި 681 ނަރުހުން އިތުރުކޮށްފި: ނާޒިމް

ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިހާތަނަށް 413 ޑޮކްޓަރުންނާއި 681 ނަރުހުން އިތުރުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ނާޒިމް ދެއްވި ހިތާބުގައި ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ބަލި މީހުންނަށް ހިދުމަތް ދިނުމަށް 382 އެނދު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި، 96 ޕަސެންޓަށް ވުރެ މަތީ އަދަދެއްގެ ކުދިން އުފަން ވަނީ ސިއްހީ ހިދުމަތްދޭ ތަނެއްގައި، ފަންނުވެރިއެއްގެ ހާޒިރުގަ އެވެ. މި ކުދިންގެ ތެރެއިން 99 ޕަސެންޓް ކުދިންނަށް، ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ލިބޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ސިއްހީ ދާއިރާއަށް ކުރާ ހަރަދު 130 އިންސައްތަ މިވޭތުވެދިޔަ 4 އަހަރު އިތުރުކޮށް، ސިއްހީ ހިދުމަތް ފުޅާކޮށް އިތުރުކުރީ މި އަސާސްގެ މައްޗަށް ރިއާޔަތްކޮށް. ރައްޔިތުންނަށް ކުރެވޭ ވެރިކަމަކުން ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދިނުމަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ހުރީ ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ވީހާވެސް ފަސޭހައިން ގޮތަަށް ކަމަށެވެ. ކެންސަރާއި ކިޑްނީ އަދި ހިތުގެ ބަލިފަދަ ބޮޑެތި ބަލިތަކަށް ރާއްޖެއިން މިހާރު ފަރުވާ ލިބުކަމީ ދިވެހިން މިކަމަށް ހެކިވާނެ އަލިގަދަ ދަލީލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި އޮޕަރޭޝަން ފަދަ ހިދުމަތްތަކާއެކު ކިޑްނީ ބަލީގެ ފަރުވާ އާއި ދަތުގެ ފަރުވާ އާއި ލޮލުގެ ބަލިތަކަށް ފަރުވާކުރުމުގެ ހިދުމަތް އަތޮޅުތެރޭގައި އާއްމުކޮށް ތަރައްގީކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ގާއިމުކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް މިއަހަރު އައްޑޫގައި ހުޅުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މެޑިކަލް ކޮލެޖްގައި މި އަހަރު ކިޔަވައިދޭން ފެށުމަކީ އުންމީދެއް ކަމަށް ވިދާޅުވި މިނިސްޓަރު ވިދާޅުވި އެވެ. ނާޒިމް ވިދާޅުވި ގޮތުގައި ދިވެހި ޑޮކްޓަރުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން މި ހަތަރު އަހަރު ތެރޭގައި 190 ޑޮކްޓަރުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެ އެވެ.

ގައިން ގަޔަށް ނާރާ ބަލިތައް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުގެ ބިރުވެރިކަމާ ދިވެހިން ކުރިމަތިލާންޖެހިފައިވާ ކަމުގެ ނިޝާންތައް ފެންނަމުންދާތީ އެކަމަށް ސަމާލުވުމަށް މިނިސްޓަރުގެ ހިތާބުގައި އިލްތިމާސްކުރެއްވި އެވެ.